އޮބިޗުއަރީ

ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެ

ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެ އެވެ.

ވަރަށް ގިނަ ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތެރިޔާ އަވަހާރަވީ މީގެ ކުޑައިރުކޮޅެއްގެ ކުރީންނެވެ. އެކަން އާއިލާގެ ބޭފުޅަކު ޔަގީން ކޮށްދެއްވިއެވެ. މޫސާމަނިކު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 81 އަހަރު އެވެ.

މޫސާ މަނިކަކީ ވަރަށް ގިނަ ދާއިރާތަކުން ފާހަގަކޮށްލެވޭ ވަރުގަދަ ހިދުމަތްތެރިއެކެވެ. ދިވެހި ފިލްމީ ތާރީހު ދުށް އެންމެ ކުޅަދާނަ އެކްޓަރަކީ މޫސާ މަނިކެވެ. ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަަހަރު ޓެލެވިޜަން މޯލްޑިވްސުން ތައްޔާރު ކުރި "މުހައްމަދު ތަކުރުފާނު، ޣާޒީ ބަންޑާރައިން" މި ފިލްމުންނެވެ. މި ފިލްމުން ފެނުނު ޗިޅިޔާގެ ފުރަތަމަ ފެނިލުމުންވެސް އޭނާއަކީ ފިލްމީ ދާއިރާގައިވެސް މުސްތަގްބަލެއް އޮތް ބޭފުޅެއްކަން ކަށަވަރުވެގެންދިޔައެވެ. އެ ފިލްމުގައި އޭނާ އަދާކުރައްވާފައިވާ ވިޔަޒޯރުގެ ބަޔަށް ގިނަ ބައެއްގެ ތައުރީފު ލިބިގެންދިޔައީ ހަގީގަތާއި އެއްގޮތަށް އޭނާ ދެއްކެވި މޮޅު ހުނަރުގެ ސަބަބުންނެވެ.

ފިލްމީ ދާއިރާއަށް ޗިޅިޔާ މޫސާ މަނިކަށް ވެދެވަޑައިގެންނެވުނީ، ތަމްސީލު ކުޅުއްވުމުގެ ދާއިރާގެ ތެރެއިންނެވެ. އެއީ 1977 ވަނަ އަހަރުއެވެ. މަޖީދިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީ ފާހަގަކުރިއިރު ބޭއްވި ސްޓޭޖް ތަމްސީލު ޝޯތަކުންނެވެ. އޭގެފަހުން، އެކި ފަރާތްތަކުން ބޭއްވި ތަމްސީލު ޝޯތަކުގައިވެސް ޗިޅިޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ތަމްސީލު ކުޅުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު، 1983 ވަނަ އަހަރު ސަރުކާރުން އޭނާއަށްވަނީ ދެއްވާފައެވެ. 50 އަށްވުރެ ގިނަ ފިލްމުގައި ތަފާތު އެކިބައިތައް އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން، 30 އަށްވުރެ ގިނަ ޑްރާމާގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗިޅިޔާ މޫސާ މަނިކަށް "އާފަތިސް" އެވޯޑްވެސް ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، އެންމެ މޮޅު ދިވެހި ވާހަކަ އާއި އެންމެ މޮޅު ޑައިލޮގް ލިޔުއްވައިގެން ދިވެހި ފިލްމު "ޒަޚަމް" އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް އަދި ބެސްޓް ސްޓޯރީގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 1996 ވަނަ އަހަރު ބެސްޓް ސަޕޯޓިން އެކްޓަރުގެ މަގާމު ފިލްމު "ހަގު އަނބި"ން އޭނާ ހޯއްދަވާފައިވެއެވެ. މިރޮނގުން އޭނާ އެންމެ ފަހުން ހާސިލު ކުރެއްވި ކާމިޔާބީއަކީ، "މިއަދު" ނޫހުގެ ކްރިސްޓަލް އެވޯޑް 2008ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.

އޭނާއަކީ ކުޅަދާނަ ވާހަކަ ލިޔުންތެރިއެކެވެ. ގައުމީ މުބާރާތުން ތިން އަހަރަކު އެއްވަނަ ހޯއްދެވިއެވެ. އެއީ ވަރަށް ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއްވެސް މެއެވެ.

އަދި އެއީ ވަރަށް މޮޅު ކުރެހުންތެރިއެކެވެ. ވަރަށް މޮޅު ކާޓޫނިސްޓެކެވެ.

ޕާފޯމިން އާޓްސްގެ ދާއިރާއިން ފިލްމާއި ތަމްސީލް ކުޅުމުގެ ރޮނގުން 2009 ވަނަ އަހަރު ޗިޅިޔާއަށް ވަނީ ޝަރަފްވެރި ކަމުގެ ގަައުމީ އިނާމް ލިބިވަޑައިގެންފައެވެ.