އުފެދުމުގައި ވެސް ހަށިގަނޑުގައި ބައްޔެއް ހުރުމަކީ މުޅި އުމުރު އެހެން މީހުންގެ އެހީތެރިކަމާ ލައިގެން އުޅެން ޖެހޭނެ ސަބަބެއް ނޫންކަން ޒުވާނުންތަކެއް ސާބިތުކޮށްދީފި އެވެ.
ސީރިޔާގެ ކެފޭއެއްގައި ވަރަށް އަވަދިނެތި އުޅެމުންދާ މި ޒުވާން ކުދިން ތަކަކީ އޭގެ ރަނގަޅު މިސާލެކެވެ. އޮރެންޖުކުލައިގެ ފަށް އަޅާފައިވާ މުށި ކުލައިގެ ޔުނިފޯމެއް އަޅައިގެން ބޮލުގައި ޓީޝާޓާ ގުޅޭ ތޮތްޕެއް އަޅައިގެން ތިބި މި ޒުވާނުން ވަރަށް މުރާލިކަމާއި ގާބިލްކަމާއެކު ކެފޭގެ މަސައްކަތުގައި އުޅެމުންދާއިރު މިއީ ޑައުން ސިންޑްރޯމް ޖެހިފައިވާ ބައެއް ކަން ގަބޫލުކުރަން ވެސް ދައްޗެވެ. އެހާވެސް އެކުދިންގެ ހިތްވަރު ގަދަ އެވެ.
މި ކެފޭގެ މަސައްކަތުގައި މިފަދަ 20 ޒުވާނަކު އުޅެ އެވެ. މީގެ ތެރޭގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ވެސް އެބަ ތިއްބެވެ. އެއްބަޔަކު މަސައްކަތް ކުރަނީ ވެއިޓަރުންގެ ގޮތުގަ އެވެ. އަނެއް ބަޔަކު ކާ އެއްޗެތި ތައްޔާރު ކުރުމުގަ އެވެ.
މި ކުދިން އުޅޭލެއް އުފާވެރިކަމުން މުޅި ކެފޭއަށް ވެރިވެފައި އޮންނަނީ އުފާވެރި ކަމެވެ. އެހެންވެ މިތަނަށް ޒިޔާރަތްކުރަން ގިނަ ބަޔަކު ޝައުގުވެރި ވެއެވެ.
ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ އިތުރުން މި ކުދިންގެ ރީިތި ލަވަ ތަކާއި ނެށުން ތައް ވެސް މި ކެފޭއަށް އަންނަ މީހުންނަށް ފެންނާނެ އެވެ. އަދި މި ކުދިންގެ މިފަދަ ހަރަކާތްތަކަށް ލިބޭ ތަރުހީބުގެ އަތްތިލަބަޑިން މުޅި ތަން ގުގުމާލާ ވަގުތުތައް ވެސް މަދެއް ނޫނެވެ.
ސުކެޓް ނަމަކަށް ކިޔާ މި ކެފޭ އަކީ އެ ގައުމުގެ ޗެރިޓެބަލް އޮގަނައިޒޭޝަނުން މިފަދަ ކުދިންނަށް އެހީވުމަށް ހުޅުވި ތަނެކެވެ.
ކެފޭގެ ޗެއާމަން ޚޮލޫދު ރަޖަބު ބުނި ގޮތުގައި އޭނާގެ ކެފޭގައި ޑައުން ސިންޑްރޯމް ބަލި ހުރި 20 ޒުވާނަކާއި ނޯމަލް 10 ޒުވާނުން މަސައްކަތް ކުރެ އެވެ. މިއީ ޚާއްސަ އެހީއަށް ބޭނުންވާ މި ފަދަ ކުދިންނަށް އާދައިގެ ދިރިއުޅުމެއް އުޅެ މީހުންގެ ތެރޭގައި އާމްދަނީއެއް ހޯދައިގެން ދިރިއުޅެވޭނެ މަގު ފަހިކޮށްދޭން ހުޅުވި ތަނެއް ކަމަށް ވެސް ރަޖަބު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސުކެޓް އަކީ ހަމައެކަނި ކެފޭއެއް ނޫނެވެ. އެއީ އެތާ މަސައްކަތްކުރާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މުޖުތަމައުގެ ބަަލައިގަތުން ހޯދައިދޭން އޭނާ ކޮށްފައިވާ މަސައްކަތެކެވެ.
މިތަނުގައި މަސައްކަތްކުރާ ޑައުން ސިންޑްރޯމް ހުރި ޒުވާން އަންހެން ކުއްޖެއް ކަމަށްވާ ރޭހަބް ގަޓަން ބުނި ގޮތުގައި މި ތަނުގައި ކުރާ ހުރިހާ މަސައްކަތެއް ވެސް އެނާ ކުރަނީ ވަރަށް ކުރާ ހިތުންނެވެ. މިތަނުގައި ފޫހިވާ ކަހަލަ އެއްވެސް މަސައްކަތެއް ނެތެވެ. މިތަނުން އާމްދަނީގެ އިތުރުން ކާން ވެސް ލިބޭ ކަމަށާއި އެ ތަނުގައި މަސައްކަތް ކުރަނީ ކުރާ ހިތުން ވަރަށް އުފަލުން ކަމަށް އޭނާ ބުންޏެވެ. އަދި ބަލި ކުއްޖަކަށް ވިޔަސް އަމިއްލައަށް މަސައްކަތް ކޮށްގެން ފައިސާ ލިބޭނެ ގޮތް ވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.