ބޮލީވުޑް

އެކްޓަރު-ޑައިރެކްޓަރު މަހޭޝް މަންޖްރެކަރް ކެންސަރު ޖެހިއްޖެ

ގިނަ ފިލްމުތަކެއްގައި ނުބައިބައި ރޯލުތައް ކުޅެފައިވާ އަދި ބައެއް ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ މަހޭޝް މަންޖްރެކަރަށް ކެންސަރު ޖެހި އެ ބައްޔަށް ފަރުވާ ހޯދަން ފަށައިފި އެވެ. މަހޭޝްއަށް ޖެހިފައި ވަނީ ބްލެޑާ ކެންސާ އެވެ.

އުމުރުން 63 އަހަރުގެ މަހޭޝްގެ ބްލެޑާގައި އިން ޓިއުމަރު ނަގަން އޮޕަރޭޝަނެއް ކޮށް މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ ކޮއްކޮ ބުނެފައި ވެއެވެ.

މަހޭޝްގެ ކޮއްކޮ ސުދޭޝް މަންޖްރެކަރް ބުނި ގޮތުގައި ޔޫރިނަރީ ބްލެޑާ ކެންސާ ހުރެގެން މީގެ ތިން މަސް ކުރިން މަހޭޝް ވަނީ ސާޖަރީ ހަދާފަ އެވެ. ނަމަވެސް އެ ވާހަކަ މީޑިއާތަކާ ހަމަޔަށް ނައިސް އޮތީ އެވެ. މިހާރު އޭގެ ފަހުން ފާއިތުވީ ތިންމަސް ތެރޭ މަހޭޝްގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ކޮއްކޮ ބުންޏެވެ.

މަހޭޝްގެ ދަރިފުޅު ސާއީ މަންޖްރޭކަރް ބުނީ އޭނާގެ ބައްޕައަކީ ވަރަށް ހިތްވަރުގަދަ މީހެއް ކަމަށެވެ. އެހެންވެ ކެންސަރު ޖެހުމުން އެކަން ވެސް މީހުނަށް އަންގަން ބޭނުން ނުވަނީ ކަމަށް އޭނާ ބުންޏެވެ.

ނެޝަނަލް އެވޯޑު ލިބިފައިވާ ކުޅަދާނަ ޑައިރެކްޓަރު އުފެއްދި މޮޅު ފިލްމުތަކުގެ ތެރޭގައި "ވާސްތަވް" އާއި "އަސްތިތުވަ" ހިމެނެ އެވެ. މިވަގުތު އޭނާ މަސައްކަތް ކުރަމުން ދަނީ ސަލްމާން ޚާންގެ "އަންތިމު" ގެ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. މި ފިލްމުގެ ބަތަލަކީ ސަލްމާންގެ ޅިޔަނު އަޔޫޝް ޝަރުމާ އެވެ.