ދުނިޔެ

ޕާކިސްތާނުގެ ހަނގުރާމަމަތީ ބޯޓު ދުއްވާ އަންހެން ޕައިލެޓް މަރުވެއްޖެ

Nov 24, 2015
1

ޕާކިސްތާނު އަސްކަރިއްޔާގެ ހަނގުރާމަމަތީ ބޯޓު ދުއްވާ އަންހެން ޕައިލެޓް މަރިޔަމް މުހުތިއާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. މަރިޔަމް މަރުވީ ޕަންޖާބު ޕްރޮވިންސްގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޓްރޭނިން މިޝަން އެއްގައި އޭނާ ދުއްވަން އިން ބޯޓު އުދުހެމުން ދަނިކޮށް ބޯޓަށް ދިމާވި އެމަޖެންސީއެއްގައެވެ.

މަރިޔަމްގެ ބޯޓު ވެއްޓުމުގެ ކުރިން އޭނާއާއި އެނާގެ ކޯ ޕައިލެޓް ވަނީ ވައިކުޑައިގާ ފުންމާލާފައެވެ. އޭނާ މަރުވީ މި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ހޮސްޕިޓަލުގައެވެ.

މަރިޔަމްއަކީ ޕާކިސްތާނުގެ އަސްކަރިއްޔާގައި މަސައްކަތްކުރާ މަދު އަންހެން ޕައިލެޓުންގެ ތެރެއިން އެކަކެވެ. އަދި އޭނާ އަކީ އަސްކަރީ ހިދުމަތުގައި އުޅެނިކޮށް މަރުވި ޕާކިސްތާނުގެ ފުރަތަމަ އަންހެން ޕައިލެޓެވެ. މިދިޔަ އަހަރު އޭނާ ބީބީސީ އަށް ދިން އިންޓަވިއު އެއްގައި ހަނގުރާމަމަތީ ބޯޓު ދުއްވާ ޕައިލެޓަކަށް ވުމަށް އޭނާ ދަތުރުކުރި އުނދަގޫ މަގު ވަނީ ކިޔާދީފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގައި ހަނގުރާމައަށް ނުކުތް އެންމެ ފުރަތަމަ އަންހެން ޕައިލެޓަކީ 2013 ގައި ހަނގުރާމައަށް ނުކުތް އައިޝާ ފާރޫގެވެ. އޭރު ޕަކިސްތާނުގެ އަސްކަރިއްޔާގައި ތިބި އަންހެން ޕައިލެޓުންގެ އަދަދަކީ 19 އެވެ. - ބީބީސީ