އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ ޑައިރެކްޓަރު، ވިލިއަމް ޖޭ ބާންސް، ސިއްރިއްޔާތުގައި ތާލިބާނުންގެ ލީޑަރު، އަބްދުލް ޣަނީ ބަރާދަރުއާ ކާބުލްގައި ބައްދަލު ކުރައްވައިފި އެވެ. ވޮޝިންޓަން ޕޯސްޓުން ބުނީ އެކަން ހިނގައިދިޔަ ގޮތް އޮފިޝަލަކު ވިދާޅުވެ ދެއްވާފައިވާ ކަމަށެވެ.
ވޮޝިންޓަން ޕޯސްޓުން ބުނާ ގޮތުން މިއީ ޖޯ ބައިޑަން ސަަރުކާރުގެ އިސް އޮފިޝަލަކާ ތާލިބާނުންނާ ސީދާ ސީދާ ބައްދަލު ކުރެއްވި ފުރަަތަމަ ފަހަރެވެ.
ސީއައިއޭއިން މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭކަށް ބޭނުމެއް ނުވި އެވެ. އެހެން ނަމަވެސް، ސީއައިއޭއިން ތާލިބާނުންނާ ބައްދަލުކޮށް މަޝްވަރާ ކުރިކަން އެކަން ހިނގާ ދިޔަ ގޮތް ދެނެހުރި އޮފިޝަލަކު ވޮޝިންގްޓަން ޕޯސްޓަށް އޮތީ ވިދާޅުވެ ދެއްވާފައެވެ.
ދެވެރިންގެ ބައްދަލުވުމާ ބެހޭ ގޮތުން އޮފިޝަލް ވިދާޅުވީ ވާހަކަ ދެކެވުނީ އެމެރިކާ ސިފައިން އަފްޣާނުން ފޭބުމާ ގުޅޭ ގޮތުން ކަމަށެވެ. އަދި އޮގަސްޓް 31 ނިޔަލަށް މަސައްކަތްތައް ނުނިމިއްޖެ ނަމަ ތާލިބާނުންގެ އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދުއާ ސުވާލު ކުރުމުން ވިދާޅުވީ ނުދެނެހުރިން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ވޮޝިންޓަން ޕޮސްޓްގައި އޮތީ އޭނާއަށް އެނގިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.
އެމެރިކާއާ ނޭޓޯ ސިފައިން މިހާރު އަވަދިނެތި މަސައްކަތް ކުރަމުން ގެންދަނީ އޮގަސްޓް 31 އައުމުގެ ކުރިން އަފްޣާނުން މީހުން ބޭލުމަށެވެ. މި ތާރީޚަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ކަނޑައެޅުއްވި ތާރީޚެކެވެ. ބައިޑަން ވިދާޅުވެފައި އޮތީ އޯގަސްޓްގެ ނިޔަލަށް އެމެރިކާ ސިފައިންނާއި ރައްްޔިތުން އަފްޣާނުން ބާލާ ހުސް ކުރާނެ ކަމަށެވެ.
މަޝްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން އޯގަސްޓް 31 ހުގެ ކުރިން އަފްޣާނުން މީހުން ބަލާ ނުނިމޭނެ އެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ ތާލިބާނުންނާ މަޝްވަރާ ކޮށްގެން މުއްދަތު އިތުރު ކުރުމެވެ.