މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނަ ގޮތަކަށް ސަރުކާރުގެ ރަސްމީ ގަޑިއަށް ގެނެސްފައިވާ ބަދަލާއި އެއްގޮތަށް އެ މުއައްސަސާތަކުން އަމަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް މިކަމަށް އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވެވެި ސިޓީއެއް މެދުވެރިކޮށެވެ.
އެ ސިޓީ ފޮނުއްވެވި އިރު މިދިޔަ އޮކްޓޫބަރުން ފެށިގެން ސަރުކާރުގެ ރަސްމީ ގަޑިއަށް ގެނެސްފައިވާ ބަދަލާއި އެއްގޮތަށް މިނިވަން މުއައްސަސާތަކުގެ ރަސްމީ ގަޑިއަށް ވެސް ބަދަލު ގެނެސް ސަރުކާރުގެ ރަސްމީ ގަޑިއާއި އެއްގޮތަށް ހިދުމަތް ދެމުންގެންދެއެވެ.
ސިޓީގައި ބުނެފައިވަނީ މިނިވަން މުއައްސަސަތަކަކީ ސިވިލް ސާވިސްގެ ވަޒީފާތަކާއި ހިލާފަށް ބޮޑު މުސާރައާއި، އިނާޔަތްތައް ކަނޑައަޅާފައިވާ މުއައްސަސާތަކަށް ވާތީ އެތަންތަނުގެ މުސާރައާއި އިނާޔަތްތަކަށް ބަދަލެއް ނުގެނެސް މިނިވަން މުއައްސަސާތަކުގެ މަސައްކަތު ގަޑިއަށް ބަދަލު ގެނައުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ރައީސް ދެކެވަޑައިނުގަންނަވާ ކަމަށާއި މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން އެ ކޮމެޓީން ނިންމަވާ ގޮތްތަކެއް ރައީސަށް ދެންނެވުމަށް ވަނީ އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް އޮފީހުން އޭރު ބުނެފައި ވަނީ ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލު ގެނައީ ސަރުކާރުގެ ވަޒީފާ އަދާކުރާ މުވައްޒަފުން އާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތު އިތުރު ކުރުމަށާއި ސަރުކާރުގެ ވަޒީފާގެ އިތުރުން ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރުމަށް ފުރުސަތު ދޭން ކަމަށެވެ.