ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޖޫނިއާ ކޮލެޖްތައް ޑިޒައިން ކުރަން ހަވާލުކޮށްފި

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރާ ޖޫނިއާ ކޮލެޖުތައް ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މަތީ ތައުލީމު އުނގަންނައިދޭ މަރުކަޒުތައް ބިނާ ކުރަން ޑިޒައިންގެ މަސައްކަތްތައް ބިޑު އުސޫލުން ހުޅުވާލައި އާކިޓެކްޗަރަލް ފާމްތަކާއި މިހާރު ވަނީ ހަވާލު ކޮށްފަ އެވެ.

ހަޔާ އެޑިއުކޭޝަނުން ރ. އަލިފުށި އަދި ފުވައްމުލައް ސިޓީގައި އެކޮމަޑޭޝަން ބްލޮކަކާއެކު ސްޓޭޓް އޮފް ދަ އާޓްސް ސެންޓަރުގެ ނަމުގައި އަޅާ އިމާރާތުގެ ޑިޒައިން މަސައްކަތް ހަވާލު ކުރީ އިޕޮކް އެސޯސިއޭޓްސްއާ އެވެ. ހއ. ދިއްދޫ އަދި ނ. ކެނދިކުޅުދޫގައި އެކޮމަޑޭޝަން ބްލޮކަކާއެކު އަޅާ ޖޫނިއާ ކޮލެޖްގެ ކޮންސެޕްޓް ޑިޒައިނާއި ބީއޯކިއު އަދި ތަފްސީލީ ކުރެހުން ތައްޔާރު ކުރަން ދިނީ ވެސް އެ ކުންފުންޏަށެވެ.

ކުޅުދުއްފުށި ސިޓީގައި އެކޮމޮޑޭޝަން ބްލޮކަކާއެކު އަޅަން ހަމަޖައްސާފައިވާ ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރާއި ކ. ތުލުސްދޫގައި އެކޮމޮޑޭޝަން ބްލޮކަކާއެކު އަޅާ ޕޮލިޓެކްނިކް މަރުކަޒުގެ ޑިޒައިން މަސައްކަތް ހަވާލު ކުރީ ސިއާކް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ އެވެ.

ޖޫނިޔާ ކޮލެޖްތައް ބިނާ ކުރަނީ ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މީހުން ބިނާ ކުރާށާއި މަތީ ތައުލީމާއި ތަމްރީނުގައި ހަރަކާތްތެރިވާން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް ފުރުސަތު ދޭށެވެ.