ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ގެންދަން ސްޕެއިންގެ ރެއާލް މެޑްރިޑުން 160 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި އެވެ.
މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑަށް ދެކެވެމުން އަންނަ އެއް ވާހަކައަކި އެމްބާޕޭ ރެއާލްއަށް ބަދަލުވާން އުޅޭ ވާހަކަ އެވެ. އަދި ރެއާލް އިން އެމްބާޕޭއަށް ޝައުގުވެރިވާ ވާހަކަ އެވެ. ނަމަވެސް މީގެ ކުރިން ރެއާލްގެ ފަރާތުން އެއްވެސް ހުށަހެޅުމެއް އެމްބާޕޭއަށް ހުށަހަޅާފައެއް ނުވެ އެވެ. މިއީ އެޓީމުން އެމްބާޕޭއަށް ހުށަހެޅި ފުރަތަމަ ހުށަހެޅުމެވެ.
ރެއާލުން އެމްބާޕޭއަށް 160 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅާފައި ވާއިރު، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ގަބޫލު ކުރާ ގޮތުގައި މިއީ ކޮންޓްރެކްޓް ހަމަވަން އެއް އަހަރަށް ވެފައިވާ ކުޅުންތެރިއަކަށް ފުދިފައި ބާކީ ވާނެ ވަރުގެ ބޮޑު އަދަދެކެވެ. އެމްބާޕޭއާއެކު ޕީއެސްޖީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަންނަ އަހަރަށެވެ.
މިފަހަރުގެ ސަމާ ޓްރާންސްފާ މާކެޓު ނިމެން އެންމެ ހަ ދުވަހަށް ވެފައި ވާއިރު، ރެއާލްގެ ސަޕޯޓަރުންގެ އުންމީދަކީ މިފަހަރުގެ ޓްރާންސްފާ މާކެޓު ނިމުމުގެ ކުރިން އެމްބާޕޭ ރެއާލްއަށް ބަދަލުވުމެވެ. އަދި އެކަން އެގޮތަށް ވެއްޖެ ނަމަ އެޓީމުގެ ފޯވާޑް ލައިނަށް ވަރަށް ބޮޑުތަނުން ކުރިއެރުން އައިސް ކާލޯ އެންޗެލޭޓޯއަށް މިފަހަރުގެ ލަލީގާ އާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން އިތުރު ހިތްވަރެއް ލިބޭނެ އެވެ.
ޕީއެސްޖީ އާއި އެމްބާޕޭގެ ކޮންޓްރެކްޓް ހަމަވަން ގާތްވެފައި އޮތުމުން އެޓީމުން ވަނީ އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރުމަށް އެތަށް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެމްބާޕޭ ވަނީ އެހުށަހެންތަކަށް އިންކާރު ކޮށްފަ އެވެ. މިއީ ރެއާލްގެ ސަޕޯޓަރުންގެ ހުވަފެންތައް ހަގީގަތަކަށް ވެދާނެ ކަމުގެ ސިގްނަލް އެކެވެ.
މިއާއެކު އެމްބާޕޭ އެކްލަބުގައި އިތުރަށް މަޑު ކުރަން ބޭނުން ނުވާކަން ޕީއެސްޖީއަށް ވެސް މިހާރު ވަނީ ޔަގީންވެފަ އެވެ. ސުވާލަކީ ކޮންޓްރެކްޓް ހަމަނުވަނީސް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި 160 މިލިއަން ޔޫރޯއަށް އެމްބާޕޭ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވާނެތޯ އެވެ.
ކުޅުންތެރިންގެ މުސާރަ ބޮޑުވެ ޕީއެސްޖީގެ ހަރަދުތައް މިހާރު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. މިއީ ޕީއެސްޖީން އެމްބާޕޭ ދޫކޮށްފާނެ ކަމަށް ބެލެވޭ ސަބަބެކެވެ. އެކަމަކު ދުނިޔޭގެ މިވަގުތު އޮތް އެންމެ ވަރުގަދަ އެޓޭކު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ލައިންއަޕް އެއް އޮއްވައި ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވެނީސް ޕީއެސްޖީން އެމްބާޕޭ ދޫކުރުމާއި މެދުވެސް ސުވާލު އުފެދެ އެވެ.