މާލޭގައި ހުރި އަތޮޅު ފިހާރަތަކުގެ ބިންތައް އަތޮޅު ކައުންސިލްތަކަށް ދޭން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލައްވައިފި އެވެ.
ބިމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ސަލީމް ވިދާޅުވީ މާލޭގައި ހުރި އަތޮޅު ފިހާރަތަކަކީ އަތޮޅުތަކުގެ ގިނަ ރައްޔިތުން މަސައްކަތް ކޮށްގެން އުފައްދާފައި ހުރި އިންވެސްޓްމަންޓްތަކެއް ކަމަށެވެ. އެހެން ނަމަވެސް އެތަންތަނުގެ ރަޖިސްޓްރީ އޮތީ ފިނޭންސް މިނިސްޓްރީގައި ކަމަށެވެ. އަދި 2016 ވަަނަ އަހަރާ ހަމައަށް އެ ތަންތަނުގެ ކުލިން ލިބެމުން ދިޔަ އާމްދަނީގެ 50 ޕަސެންޓް ދިޔައީ އަތޮޅުތަކަށް ކަމަށެވެ.
"ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް އެބަ ލިބޭ 20 އަކަށް މިލިއަން ރުފިޔާ. އަޅުގަނޑު ދެކޭގޮތުގައި މި ދަނޑިވަޅަކީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ބާރުވެރި ކުރުމުގެ މަސައްކަތް ހިނގަމުންދާ ދަނޑިވަޅުކަމަށް ވުމާއެކު އަޅުގަނޑު އެދެން ސަރުކާރުން ވިސްނާވަޑައިގަތުމަށް މިތަންތަނުގެ މިލްކުވެރިކަން އަތޮޅުތަކަށް ބަދަލު ކުރަން. އަތޮޅު ކައުންސިލްތަކުގެ ދަށުން ހިންގާ ނުވަތަ އިންވެސްޓް ކުރެވޭނެ މަގު ތަނަވަސް ވެގެން ދިއުން،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަތޮޅު ފިހާރަަތައް އަތޮޅު ކައުންސިލްތަކަށް ދޫކޮށްލައިފިނަމަ ކައުންސިލްތަކަށް ދިމާވާ ފައިސާގެ ދަތިކަމަށް ވެސް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
އަތޮޅު ފިހާރަަތަކުން ލިބޭ އާމްދަނީ އަތޮޅުތަކާ ހިއްސާ ކުރުން ހުއްޓާލައިފައިވާ އިރު ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބަދަލާއެކު ކުރިއެކޭ އެއްގޮތަށް އެ ފިހާރަތަކުން ލިބޭ އާމްދަނީގެ 50 ޕަސެންޓް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް އަތޮޅުތަކާ ހިއްސާކުރަން ސަރުކާރުން ވަނި ނިންމާފަ އެވެ.