އެކި ދާއިރާތަކުން އައްޑޫގެ ތަރައްގީ އަށް ބޭނުންވާ އެހީތެރިކަން ހޯދަން ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން އައްޑުއަށް ގެންދާ ޕްރޮގްރާމެއް އެ ސިޓގެ ކައުންސިލުން ފަށައިފި އެވެ.
މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ރައްގީ ކުރަން އޭނާގެ މޭޔަރު ކަމުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި އެކަން ސްޕީޑުގައި ކުރެވޭނީ ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދައިގެން ކަމަށްވާތީ ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން އައްޑުއަށް ގެންގޮސް އައްޑޫ ދައްކާލުމުގެ މަސައްކަތެއް ފަށަން ނިންމެވީ ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން މޭޔަރުގެ ދައުވަތަކަށް މިއަދު އައްޑޫއަށް ވަޑައިގަންނަވާނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު އެޑްމިރަލް ރިޓަޔާޑު އަތާރް މުޚްތާރެވެ. ތިން ދުވަހުގެ ދަތުރުފުޅެއްގައި ޕާކިސްތާނުގެ ސަފީރު އައްޑޫއަށް ވަޑައިގަންނަވާނީ މިއަދު މެންދުރުފަހު އެވެ.
ޕާކިސްތާން ސަފީރު ވަޑައިގެން އައްޑޫގެ ތަރައްގީއަށް ޕާކިސްތާން ސަރުކާރަށް ކޮށްދެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
ނިޒާރު ވިދާޅުވީ ޕާކިސްތާނުގެ ސަފީރުގެ އިތުރުން އިންޑިއާ އާއި ޗައިނާ އަދި ލަންކާ ސަފީރަށް ވެސް އައްޑޫއަށް ވަޑައިގަތުމުގެ ދައުވަތެއް މިހާރު އަރުވާފައިވާ ކަމަށެވެ.
"ޕާކިސްތާނަކީ އަޅުގަނޑުމެން ފަދައިން މުސްލިމުންގެ ބޮޑު އާބާދީއެއް އޮތް ގައުމެއް. އެހެންވެ ޕާކިސްތާނުގެ އެހީތެރިކަމާއެކު ވެސް އައްޑޫގެ ތަރައްގީއަށް ކުރެވޭނެ މަސައްކަތްތަކެއް ހުންނާނެތީވެ ދައުވަތުގައި ފުރަތަމަ މި ވަޑައިގަންނަވަނީ ޕާކިސްތާން ސަފީރު،" މޭޔަރު ވިދާޅުވި އެވެ.