ފަލަސްތީން

އެމެރިކާއަށް ގޯހީ ފަލަސްތީނު އާންމުން ދޭ ހަމަލާތައް!

Nov 24, 2015
1

ގުދުސްގައި ފަލަސްތީނުގެ އާންމުން އިޒްރޭލު މީހުންނަށް ދޭ ހަމަލާތަކަކީ "ޓެރަރިޒަމްގެ އަމަލުތަކެއް" ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެއްޖެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ބައްދަލުކުރެއްވުމަށް ފަހު ކެރީ ވިދާޅުވީ ކާރާއި ވަޅިއާއި ކަތުރުގެ ހަމަލާތައް އަމާޒުވާ މުޖްތަމައުއެއްގައި އުޅެން އެއްވެސް ބަޔަކަށް ޖެހިގެން ނުވާނެ ކަމަށެވެ.

ކެރީ ފަލަސްތީނުގެ އާންމުން ދޭ ހަމަލާތަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައިވާއިރު، ވޭތުވެ ދިޔަ ހަފްތާތަކުގެ ހަމަނުޖެހުން ތަކުގައި ގުދުސްއިން ފަލަސްތީނުގެ 100 އެއްހާ މީހުން މަރުވެފައިވާއިރު އިޒްރޭލުން މަރުވީ 19 މީހުންނެވެ. ކެރީގެ މި ވާހަކަފުޅާ ގުޅިގެން ހަމާސް އިން ބުނީ މިއީ "އިޒްރޭލުން ހިންގާ ކުށްތަކާ ޓެރަރިޒަމްގެ އަމަލުތަކަށް ފުރިހަމައަށް ތާއީދު ކުރުމުގެ" ވާހަކަ ތަކެއް ކަމަށެވެ.

ކެރީގެ ދަތުރުފުޅުގައި އޭނާ ދެން ބައްދަލު ކުރައްވާނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއެވެ.

ފަލަސްތީނާއި އިޒްރޭލުގެ މެދުގައި ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހުއްޓުނު ފަހުން މިއީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މި ދެ ގައުމަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ކެރީގެ މި ދަތުރުފުޅުގައި ފަލަސްތީނާއި އިޒްރޭލު ސުލްހައިގެ މޭޒު ދޮށަށް އަނބުރާ ގެނެވޭނެ ކަމަކަށް ނުބެލެވެއެވެ. - ބީބީސީ