ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުގައި ތިބި ގައުމުތަކަށް އިންޓަނޭޝަނަލް މެޗުތައް ކުޅެން ނުފޮނުވަން ޕްރިމިއާ ލީގުގެ ކްލަބު ތަކުން ނިންމައިފި އެވެ.
ކޮވިޑްގެ ސަބަބުން އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި ތިބި ގައުމު ތަކަށް ކުޅުންތެރިން ނުފޮނުވަން ކްލަބު ތަކުން ނިންމީ އިންޓަނޭޝަނަލް މެޗު ތަކަށް ފަހު އެންބުރި އިނގިރޭސިވިލާތަށް އައިސް 10 ދުވަހުގެ މުއްދަތަކަށް ކުޅުންތެރިން ކަރަންޓީނުވާން ޖެހޭތީ ކަމަށް ޕްރިމިއާ ލީގުން ނެރުނު ބަޔާނެއްގައިވެ އެވެ.
ޕްރިމިއާ ލީގުން ވަރަށް ބޮޑަށް ތާއީދުކޮށް ކްލަބު ތަކުން މިގޮތަށް ނިންމީ މީގެ ސަބަބުން ލީގުގެ މެޗުތަކެއް ކުޅުންތެރިންނަށް ގެއްލިގެންދާނެތީ އެވެ. އިންޓަނޭޝަނަލް މެޗު ތަކަށް ދާ ކުޅުންތެރިންގެ ކަރަންޓީނުގެ މުއްދަތު ކުރު ކުރަން ޕްރިމިއާ ލީގުން އެދުނު ނަމަވެސް އެ ގައުމުން ވަނީ މުއްދަތު ކުރު ނުކުރަން ނިންމާފަ އެވެ.
އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި 26 ގައުމެއް އެބައޮތެވެ. އެހެންކަމުން ކްލަބު ތަކުގެ މި ނިންމުމާއެކު ޕްރިމިއާ ލީގުގެ 19 ކްލަބަކުން ގާތްގަނޑަކަށް 60 ކުޅުންތެރިންނަށް މިއަންނަ ސެޕްޓެމްބަރު މަހު އޮންނަ އިންޓަނޭޝަނަލް މެޗުތައް ގެއްލޭނެ އެވެ.
މީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވާނީ ރެޑް ލިސްގައި އޮތް ބްރެޒިލް، އާޖެންޓީނާ، އެކުއާޑޯ، މެކްސިކޯ، އުރުގުއޭ، ކޮލަމްބިއާ، ޗިލީ އަދި ވެނެޒުއޭލާ އަށެވެ. އެއީ ސައުތު އެމެރިކާ އާއި ސެންޓްރަލް އެމެރިކާގެ ވޯލްޑްކަޕް ކޮލިފިކޭޝަން މެޗު ތަކުގައި މި ޓީމު ތަކުން ކުޅެން ޖެހޭނީ، ޕްރިމިއާ ލީގުގައި ކުޅޭ އެޓީމު ތަކުގެ މުހިންމު ގިނަ ކުޅުންތެރިން ތަކެއް ނުހިމަނަ އެވެ.
ޕްރިމިއާ ލީގުން ވަނީ ސައުތު އެމެރިކާ ސަރަހައްދުގެ މި މެޗުތައް ކުޅޭ މުއްދަތު ދިގު ދަމާލާފައި ވާތީ އެކަމާއި ނުރުހުން ފާޅު ކޮށްފަ އެވެ. އެ މެޗުތައް އޮންނާނީ 11 ދުވަހުގެ މުއްދަތަކަށް ސެޕްޓެމްބަރާއި އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ކުޅުންތެރިން ދޫނުކުރަން ނިންމުމުން އެންމެ ބޮޑު ގެއްލުމެއް ވާނީ ބްރެޒިލަށެވެ. އެއީ މީގެ ސަބަބުން އެޓީމުގެ 10 ކުޅުންތެރިންނަށް ނުކުޅެވޭނެތީ އެވެ. އަދި އާޖެންޓީނާގެ ހަތަރު ކުޅުންތެރިންނަށް ނުކުޅެވޭ އިރު، އުރުގުއޭގެ ދެ ކުޅުންތެރިންނަށް މީގެ ސަބަބުން ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗު ތަކުގައި ނުކުޅެވޭނެ އެވެ.