ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން އެމަނިކުފާނު ދައްކަވަންޖެހިވަޑައިގަންނަވާ ފަސް މިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ދައުލަތުގެ ފަރާތުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެ އެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތު އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ސިިވިލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ޖޫރިމަނާ ފައިސާ ދައްކަން ޖެހެނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ.
ބަންޑާރަނައިބު އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ދައުލަތަށް ދައްކަވަންޖެހި ވަޑައިގަންނަވާ ޖޫރިމަނާ ފައިސާ ހޯދަން ކޯޓަށް މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ) ގެ ދަށުން ކަމަށެވެ.
އެ މާއްދާގައި ބުނެފައިވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާން ކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަވަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހްތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށެވެ.
ދައުލަތުން ކޯޓުގައި އެދިފައިވަނީ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ ފަސް މިލިއަން އެމެރިކާ ޑޮލަރު އެއް ފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައި މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ރައީސް ޔާމީނަށް ފޮނުވި ނޯޓިހާ ހަވާލުވެވަޑައިގެންނެވި ނަަމަވެސް ދީފައިވާ މުއްދަތުގައި ފައިސާ ދައްކަވާފައި ނުވާ ކަމަށެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރުމުން ޖަލުގައި ދުވަސް ތަކަކު ބެހެއްޓުމަށްފަހު މިދިޔަ ރޯދަ މަހުގެ ތެރޭގައި އެމަނިކުފާނު ގެއަށް ބަދަލުކުރި ގޮތަށް މިވަގުތު ވެސް އެމަނިކުފާނު ހުންނެވީ ގޭބަންދުގަ އެވެ.