ރައީސް އަބްދުﷲ ޔާމީން

އިދިކޮޅު ލީޑަރު ގޮވާލެއްވީ ރިފްއަތު ވަކިކުރަން

Oct 25, 2022

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނުބައިކޮށް ގާނޫނީ ލަފާ ދެއްވާތީ ބަންޑާރަނައިބް އިބްރާހީމް ރިފްއަތު މަގާމުން ވަކިކުރެއްވުމަށް ރައީސް ސޯލިހަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ރައީސް ޔާމީން މިކަމަށް ގޮވާލެއްވީ އެމަނިކުފާނު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ކަނޑު ސަރަހައްދު ބެހުމުގައި އުފެދިގެން އުޅޭ ހިޔާލުތަފާތުވުންތަކުގައި ދިވެހި ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ނުބައި ގާނޫނީ ލަފާތަކެއް ދެއްވާފައިވާ ކަމަށާއި މިމައްސަލައިގައި އަސްލު ކަން ހިނގި ގޮތް ސާފުވެގެން ދާނީ ވެސް ރިފްއަތު މަގާމުން ވަކިކޮށްގެން ކަމަށެވެ.

"ބަންޑާރަނައިބް ނުބައި ލަފައެއް ދީގެން މިއުޅެނީ. ބަންޑާރަނައިބް މި ބުނަނީ ރައީސް ނުޖެހެޔޭ ހާރިޖީ ސިޔާސަތު ކަނޑައަޅާއިރު މަޖިލީހަށް ދާކަށް. ދުނިޔޭގެ އެހެން ތަނެއްގައިނަމަ މިވަރުގެ ކަމެއް ކޮށްފިއްޔާ އަމިއްލައަށް އިސްތިއުފާ ދޭނެ. މިހާރު އިސްތިއުފާ ނުދީފިނަމަ މަޖިލިސް މެމްބަރުންނަށް މި ދަންނަވަނީ އަޒުލުކުރާށޭ،" ރައީސް ޔާމީން ވިދާޅުވި އެެވެ.

ރައީސް ޔާމީން ތުހުމަތުކުރެއްވި ގޮތުން ސަރުކާރުގެ އިސްވެރިންތަކެއް ވަނީ ފައިސާ ނަންގަވައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަންސް އަށް ދޫކޮށްލާފަ އެވެ. އަދި އެގޮތަށް އެއްބަސްވެ ރައީސް ސޯލިހް ސީޝެލްގެ ވެރިންނަށް ސިޓީ ފޮނުއްވި ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ރައީސް ސޯލިހް ހާމަކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެމަނިކުފާނަށް އަލުން ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަލުން ހޯދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޓްރޭޑް މިނިސްޓަރު ކަން ކުރެއްވި ދުވަސްވަރު އަދި ފަހުން ރައީސް ކަން ކުރެއްވި ދުވަސްވަރު ގައުމު ވިއްކާލި ކަމަށް ބުނެ އެމްޑީޕީގެ އިސް ބޭފުޅުން ނުކުރައްވާ އެއްވެސް ތުހުމަތެއް ނެތް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީން އޭރު ތުހުމަތު ކުރި ކަންކަން މާސާފުކޮށް ކުރަމުންދާ މަންޒަރު މިއަދު ފެންނަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއޮތީ މިހާރު ދިވެހިރާއްޖޭގެ ކަނޑުގެ 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދު ވިއްކާލާފައި،" މިސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވި އެެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިސަރުކާރަށް ވޯޓު ދޭނެ މީހަކު ނެތް ކަމަށާއި ވައުތައް ފުއްދާފައި ވެސް ނުވާ ކަމަށެވެ. އެހެންކަމުން މިސަރުކާރު އޮތީ "ނިމިފައި" ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ރައީސް ޔާމީން ކުރައްވާ ތުހުމަތު މިއަދު ވެސް ތަކުރާރު ކުރެއްވި އެެވެ. އަދި ވިދާޅުވީ މިސަރުކާރަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ބައެއް ރަށްތަކުން ދިވެހިން ބާލާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި މިސަރުކާރު ތަންކޮޅެއް "ފިރިހެންވާންޖެހޭ" ކަމަށްވެސް ވިދާޅުވި އެވެ.