ގާސިމް އިބްރާހިމް

"ބިންތައް ކައުންސިލްތަކަށް ދިނުމުން ބޮއްސުންލާފާނެ"

ބިންތަކުގެ ބާރު ކައުންސިލްތަކަށް ދޫކޮށްލަން މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެކޮޅު ހައްދަވައިފި އެވެ.

ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަތިިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި ކުރި ބަހުސްގައި މިއަދު ގާސިމް ވިދާޅުވީ ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުލަތެއް ކަމަށް ގާނޫނު އަސާސީގައި ސަރީހަކޮށް އެބައޮތް ކަމަށެވެ.

އެކަން އޮގޮތަށް އޮވެ ކައުންސިލްތަކުގެ ދަށުގައި އޮންނަ ބިންތައް އެ އިދާރާތަކުން ބޭނުންވާ ގޮތަކަށް ދޫކުރުމާއި ކަންކަން ކުރުމަކީ ފެޑަރަލް ސިސްޓަމްގައި އޮންނަ ސިފަތަކެއް ކަމަށެވެ. އެހެން ކަމުން ޔުނިޓަރީ ދައުލަތުގެ އަސާސްތަކާ އެއްގޮތަށް މައި ސަރުކާރުގެ ދަށުގައި ބާރުތައް ހުންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ކައުންސިލްތަކުގެ ކެޕޭސިޓީއަށް ބަލާއިރު ދިގު މުއްދަތަށް 99 އަހަރަށް ނުވަތަ އެއަށްވުރެ ވެސް ދިގު މުއްދަތަަށް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ނުވަތަ ހުއްދައެއް ނުލިބި އެކަން ކުރެވޭ ގޮތަށް އޮތުމަކީ އަޅުގަނޑުމެންނަށް އޮތް ރިސްކަކަށް ވެދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ސެންޓްރަލް ގަވަމަންޓްގައި އެ މިނިސްޓްރީތަކުގައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައި އޮންނަ އުސޫލުތަކެއްގެ ތެރެއިން ޔުނިޓަރީ ދައުލަތެއްގައި އޮންނަ އުސޫލުތަކަށް ތަބާވާން ޖެހޭ ކަމަށެވެ.

"އެހެންވެ ފެޑަރަލް ސިސްޓަމްގައި އޮންނަ އުސޫލަށް ކަންތައްތައް ރާވައިފިއްޔާ އަޅުގަނޑުމެންގެ އަތުން ކަންތައްތައް ބޮއްސުންލައި ހިނގާދާނެ" ގާސިމް ވިދާޅުވި އެވެ.

އެހެންކަމުން ކޮމިޓީ މަރުހަލާގައި ބިލު އިތުރަށް ދިރާސާ ކުރާއިރު އެކަންކަމަށް ރިއާޔަތް ކުރުމަކީ ރާއްޖެގެ މިނިވަންކަމާއި އިސްތިގުލާލަަށް ވަރަށް މުހިންމުކަމެއް ކަަމަށް ވެސް ގާސިމް މިއަދު ވިދާޅުވި އެވެ.