އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކަށް އައްޔަން ކުރަން މުހައްމަދު އާސިފް (އިރުވައި އާސިފް) ގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އީސީގެ މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވެއްވި ފަސް ބޭފުޅުންނާ އިންޓަވިއު ކޮށްފައި ވެއެވެ. ކޮމިޓީގެ މެންބަރުން ވަނީ އެ ބޭފުޅުންނަކީ މަގާމަށް ގާބިލް ބައެއްތޯ ދެނެގަތުމަށް ތަފާތު ސުވާލުތައް ކުރިމަތި ކުރުވާފަ އެވެ.
އީސީގެ މެމްބަރު ކަމަށް އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ލިސްޓްގައި ފަސް ބޭފުޅަކު ހިމެނެ އެވެ. ލިސްޓުގެ އެންމެ ކުރީގެ އޮތީ ވެސް އާސިފްގެ ނަމެވެ.
އީސީގެ މެންބަރު ކަމަށް ފޮނުއްވި ނަންތައް
- މުހައްމަދު އާސިފް، ހ. އިރުވައި
- ޝަހުލާ އިސްމާއިލް، ފިނިއުނިމާގެ / ޅ. ހިންނަވަރު
- އަޒްލީމާ އަހުމަދު، ދަފްތަރު
- އަހުމަދު މަންސޫރު، ވ. ރިވެތި
- މަރިޔަމް ހަނީފާ ޚާލިދު، އަނބުގަސްދޮށުގެ / ހއ. ކެލާ
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން ކޮންމެ ބޭފުޅަކަށް ރުހުން އޮތްތޯ ވަކިވަކިން ވޯޓަށް އަހާފައިވެ އެވެ. އާސިފް އައްޔަން ކުރަން ކޮމިޓީން ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި 11 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުންނެވެ. އަނެއް ހަތަރު ބޭފުޅުންނަށް އެ އަދަދަށް މެންބަރުންގެ ވޯޓު ލިބިފައެއް ނުވެ އެވެ.
އާސިފްގެ ނަމަށް ހުރިހާ މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން ކޮމިޓީގެ ރިޕޯޓު ނިންމާ މަޖިލީހުގެ ރިޔާސަތަށް ފޮނުވުމަށް ވެސް ވަނީ ނިންމާފަ އެވެ. އާސިފަށް ކޮމިޓީން ރުހުން ދޭން ނިންމި ނަމަވެސް އެކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
ފިލްމީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައިވާ އާސިފަކީ އިލެކްޝަން ކޮމިޝަންގައި މީގެކުރިން މަސައްކަތް ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އެ ކޮމިޝަންގެ މެންބަރުކަމުން މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަކީ އެެއްވެސް ސިޔާސީ ޕާޓީ އަކަށް ނިސްބަތް ނުވާ އަދި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގެ ތެރޭގައިވެ އެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ތިއްބެވީ ހަތަރު މެންބަރުންނެވެ.