ލ. ގަމުގެ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފި އެވެ.
ޕްލޭނިން މިނިސްްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝަނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މަޝްރޫއު އެމްޓީސީއާ ހަވާލުކުރީ 24.7 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭ ނިންމާށެވެ. މި މަޝްރޫއުގައި ގަމުގެ ބަނދަރާއި އެ ބަނދަރަށް ވަންނަ ނެރު ފުން ކުރާނެ އެވެ.
އޭގެ އިތުރުން 310 މީޓަރުގެ އެއްގަމު ތޮއްޓެއްލައި 360 މީޓަރުގެ ސޭންޑް ފިލް ބްރޭކް ވޯޓާ އެއްވެސް ލާނެ އެވެ. އަދި 128 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ލައި 17 މީޓަރުގެ ސަބްމާޖް ބްރޭކް ވޯޓާއެއް ލާނެ އެވެ.
މަޝްރޫއުގައި ހިމެނޭ އިތުރު މަސައްކަތްތައް
- 62 މޫރިންގް ރިންގް ހަރުކުރުން
- 20 މޫރިންގް ބޮއި ހަރުކުރުން
- އެއްގަމުތޮށިން ބޭރު ތޮއްޓަށް އެރުމަށް ބުރިޖެއް އެޅުން
- 1550 އަކަ މީޓަރު ޕޭމަންޓް ހެދުން
- 24 މަގު ބައްތި ހަރުކުރުން