މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ފަސް ރަށެއްގެ މަޝްރޫއުތައް ތިން ބަޔަކާ ހަވާލުކޮށްފި

ފަސް ރަށެއްގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ގދ. ފިޔޯރީ އާއި ތ. ބުރުނީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ފިޔޯރީ އަދި ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފަ އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

ލ. ގަން ތުނޑި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާ އަޕްގްރޭޑްކުރުމުގެ މަޝްރޫއު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާއިރު ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ. އަދި ޕްލޭނިން މިނިސްޓްރީއިން ވަނީ ސ. ފޭދޫގައި 75 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ވެސް ހަވާލުކޮށްފަ އެވެ. އެސްޖޭ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދް އިބްރާހީމް އެވެ.

މި މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ފިޔޯރީ ބަނދަރު އަޕްގްރޭޑް ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

މި މަޝްރޫއުގެ ދަށުން ފިޔޯރި ބަނދަރު 26،750 ކިއުބިކް މީޓަރަށް ފުންކުރުމުގެ އިތުރުން 18،300 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން 166 މީޓަރު ސްކޯރިން އެޕްރަން ޖެހުމުގެ މަސައްކަތާއި ހަތަރު ނެވިގޭޝަން ލައިޓު ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 10 މޫރިން ބޮއި ހަރުކުރުމުގެ މަސައްކަތާއި އެކްސެސް ޕްލެޓްފޯމް އަޅާނެ އެވެ.

މަޝްރޫއުގެ ދަށުން އަށް މަގުބައްތި ހަރުކުރުމާއި 760 އަކަ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެ އެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 38.9 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު

ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 20 މިލިއަން ރުފިޔާއަށް 280 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫއުގެ ދަށުން ފުނަދޫގައި 670 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ގާއިމުކުރުމުގެ އިތުރުން 20 މީޓަރުގެ ތިން ގްރޮއިން ގާއިމްކޮށް އަދި އެ ސަރަޙައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުމުގެ މަސައްކަތް ކުރާނެއެވެ.

ބުރުނީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް

މި މަޝްރޫއުގެ ދަށުން ބުރުނީ ބަނދަރު 9،800 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. އަދި އަލަށް އިތުރު ކުރެވޭ ބަނދަރު 20،100 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. އަދި ބަނދަރަށް ވަންނަ ނެރު 8،400 ކިއުބިކް މީޓަރަށް ފުންކުރާނެއެވެ.

މީގެ އިތުރުން 308 މީޓަރު ސޭންޑް ފިލް ބްރޭކްވޯޓާގެ މަސައްކަތާ 46 މީޓަރު ނެރު ފައިކަށި ޖެހުމުގެ މަސައްކަތުގެ އިތުރުން 181 މީޓަރު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އަދި 20 ސަބްމާރޖްޑް ބްރޭކްވޯޓާ ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

އަދި 276 މީޓަރު އެއްގަމު ތޮށި ޖެހުމުގެ މަސައްކަތާއި 35 މަގު ބައްތި ޖެހުމުގެ މަސައްކަތުގެ އިތުރުން 2 ނެރުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 58.6 މިލިއަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ފޭދޫގައި 75 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް

މި މަޝްރޫއުގެ ދަށުން ފޭދޫގައި 2 ލިފްޓު ހިމެނޭ މަލްޓީ ސްޓޯރީ ބިލްޑިންގް އެއްގައި 75 އެޕާޓްމަންޓް އިމާރާތްކުރާނެ އެވެ. އަދި މި އިމާރާތުގެ ގްރައުންޑް ފްލޯގައި ކޮމާޝަލް އޭރިއާއަކާއި ބިލްޑިންގް ސާވިސް އޭރިއާގެ މަސައްކަތް ކުރާނެ އެވެ.

މި އިމާރާތުގެ ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނަކީ 1،000 އަކަ ފޫޓެވެ. އަދި ކޮންމެ އެޕާޓްމަންޓެއްގައި 3 ކޮޓަރިއާއި 3 ފާހަނާ،އާއި ސިޓިންގް ރޫމާކާއި ބަދިގެ، ކާގެގޭ އިތުރުން ލޯންޑްރީ އަދި ސްޓޯރީމް ހިމެނޭނެ އެވެ.

މީގެ އިތުރުން މި ހައުސިންގް ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާންމު ރައްޔިތުން ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށްޓަކާ ޕާކަކާއި، ވެހިކަލް ޕާކިން އޭރިއާއެއް ގާއިމް ކުރާނެއެވެ. އަދި އިމާރާތް ވަށައިގެން އަލި ކުރެވިގެންދާނެ އެވެ.

މި މަޝްރޫއު އެސްޖޭ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 121.5 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭ ނިންމުމަށެވެ. އަދި މި މަޝްރޫއުއަށް ހަރަދު ކުރަނީ ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.

ގަން ތުނޑި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް

މި މަޝްރޫއުގެ ދަށުން ލ. ގަން ތުނޑި އަލަށް އާބާދުވީ ސަރަހައްދުގައި މިހާރު ގާއިމްކުރެވިފައިވާ ނިޒާމް އެއްކޮށް ބަދަލުކޮށް ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ދެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފެނަކަ އިން ކުރާނެ އެވެ.

މި މަސައްކަތް ފެނަކަ ކޯޕަރޭޝަން އާ ހަވާލުކޮށްފައިވަނީ 26.9 މިލިއަން ރުފިޔާއަށް 660 ދުވަހުގެ ތެރޭ ނިންމުމަށެވެ.