މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގަމުގެ މަގު ހެދުމާއި ދެ ރަށެއްގައި ބަނދަރު ހެދުމަށް ހަވާލުކޮށްފި

ލ. ގަމުގެ މަގު ހެދުމާއި ދެ ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގަމުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. ނ. ވެލިދޫއާއި ނ. ޅޮހީ ބަނދަރު ހަދަން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ގަމުގެ މަގުތަކުގައި ތާރު އެޅުމަށް އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު އެވެ. ނ. އަތޮޅުގެ ދެރަށުގައި ބަނދަރު ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަ ޝިފާއު އަލީ އެވެ.

ގަމުގެ މަގުތަކުގައި ތާރު އެޅުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 104 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫގެ ތެރެއިން 4.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާ މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމްކޮށް މަގުތަކުގައި މަގުބައްތިޖަހާނެ އެވެ.

ވެލިދޫގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތާއި އެމްޓީސީސީން ހަވާލުވެފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 50 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، ނެރު ފުން ކުރުން، އެއްގަމު ތޮށި ޖެހުން، 120 މީޓަރު ކޮންކްރީޓް ޖެޓީ، 121 އަކަމީޓަރު ރޭންޕެއް ހެދުން، 22 މަގު ބައްތި ހަރުކުރުން، 2 ނެވިގޭޝަން ލައިޓް ހަރުކުރުން އަދި 2433 އަކަމީޓަރު ޕޭވްމަންޓް ހެދުން ހިމެނެ އެވެ.

ޅޮހީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 68.7 މިލިއަން ރުފިޔާއަށް 640 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުން، ނެރު ފުން ކުރުން، ރިވެޓްމެންޓް ޖެހުން، އެއްގަމު ތޮށި ޖެހުން، 121 އަކަމީޓަރުގެ ރޭންޕެއް ހެދުން، ކޮންކްރީޓް ޖެޓީ، ނެވިގޭޝަން ލައިޓް ހަރުކުރުން، 19 މަގު ބައްތި ހަރުކުރުން އަދި 1720 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެ އެވެ.