މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

400 މިލިއަން ރުފިޔާގެ މަޝްރޫއު އާރްޑީސީއާއި އެމްޓީސީސީއަށް

ހަތް ރަށެއްގައި 400 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާއި އާރްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު އެވެ.

އެމްޓީސީސީއާއި އާރްޑީސީއާ ހަވާލުކުރި މަޝްރޫއުގެ ޖުމްލަ އަގަކީ 410.8 މިލިއަން ރުފިޔާ އެވެ.

އާރްޑީސީއާ ހަވާލުކުރީ ނ. ކެނދިކުޅުދޫ މަގުތަކުގައި ތާރުއެޅުން 90.8 މިލިއަން ރުފިޔާއަށް އަދި ހއ. ފިއްލަދޫ މަގު ހެދުން 29.8 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީއާ ހަވާލުކުރީ ކ. ދިއްފުށި ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުން 169.9 މިލިއަން ރުފިޔާއަށާއި، ތ. ގާދިއްފުށި ބަނދަރު އަޕްގްރޭޑް ކުރުން 85.7 މިލިއަން ރުފިޔާއަށާއި، ކ. ހުރާ ބަނދަރު އަޕްގްރޭޑް ކުރުން 67.8 މިލިއަން ރުފިޔާއަށާއި، ގދ. ތިނަދޫގައި ޕިކްނިކް އައިލެންޑެއް ހެދުން 57.68 މިލިއަން ރުފިޔާއަށް އަދި އައްޑޫ ސިޓީގެ ފޭދޫ ބަނދަރު އަޕްގްރޭޑް ކުރުން 57.6 މިލިއަން ރުފިޔާއަށެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން އެއް ފަހަރާ ގިނަ މަޝްރޫއުތަކެއް ފެށުމަށް އެއްބަސްވުންތަކުގައި ސޮއިކުރާތީ އެއީ އިންތިހާބާ ދިމާކޮށް ކުރާ ކަމެއް ކަމަށް ބުނެ އާންމުން އަބަދުވެސް ޝަކުވާ ކުރެ އެވެ.