އެތުލެޓިކޯ މެޑްރިޑް

އެތުލެޓިކޯއިން ކުންޔާގެ ސޮއި ހޯދައިފި

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން މަތިއުސް ކުންޔާގެ ސޮއި ހޯދައި އެ ޓީމުން ފޯވާޑެއް ހޯދަން ކުރަމުން އައި މަސައްކަތް ނިމުމަކަށް ގެނެސްފި އެވެ.

ކުންޔާ އެތުލެޓިކޯއަށް ގުޅިފައި ވަނީ 30 މިލިއަން ޔޫރޯގެ އަގަކަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެތުލެޓިކޯއިން ކުންޔާ އެޓީމަށް ގެންގޮސްފައި މިވަނީ ފިއޮރެންޓީނާގެ ޑުސާން ވްލަހޯވިކް އާއި އެތުލެޓިކޯއަށް ކުރިން ކުޅުނު ބާސެލޯނާގެ ގްރީޒްމަން ގެންދަން މަސައްކަތްކޮށް އެކަން ކާމިޔާބު ނުވުމުންނެވެ.

ސިމިއޯނޭގެ ރުހުން ހޯދަައި އުމުރުން 22 އަހަރުގެ ކުންޔާ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދަން ބޭނުން ނަމަ ވާދަ ކުރަން ޖެހޭނީ ސުއަރޭޒް، ކޮރެއާ އަދި ފީލިކްސްއާ އެވެ.

މިފަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގައި ބްރެޒިލް ޓީމާއެކު ރަން މެޑަލް ކާމިޔާބު ކުރި ކުޅުންތެރިޔާ ވަނީ އެ މުބާރާތުގައި ބްރެޒިލް ޓީމަށް ފަސް މެޗު ކުޅެދީ ތިން ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

ކުންޔާ އެންމެ ފުރަތަމަ ކުޅުނީ ސްވިޒަލެންޑްގެ ސަޔާން ކިޔާ ޓީމަކަށެވެ. ނަމަވެސް މާގިނަ ދުވަހު އެޓީމުގައި މަޑު ނުކޮށް ކުންޔާ އާރުބީ ލައިޕްޒިގަށް ބަދަލުވީ އޭނާގެ ކުޅުން ފެނި އެޓީމުން އޭނާ ބޭނުން ވުމުންނެވެ. ކުންޔާ އާރުބީއަށް ބަދަލުވީ 15 މިލިއަން ޔޫރޯ އަށެވެ. އާރުބީގައި ސީޒަނަކާއި އެއްބައި ކުޅުމަށް ފަހު 18 މިލިއަން ޔޫރޯގެ އަގަކަށް ކުންޔާ ދެން ބަދަލުވީ ހާތާ އަށެވެ. އެތުލެޓިކޯއަށް ބަދަލުވީ އެޓީމުގައި 18 މަސް ދުވަހު ކުޅުމަށް ފަހުގަ އެވެ.