ވެރިކަމުގެ ނިޒާމް

ނިޒާމު ބަދަލުކުރާ މައްސަލައަށް އުގެއިލްގެ ނުސީދާ އިޝާރާތެއް

Aug 26, 2021
2

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ބާރު އަޅައި ބައެއް ސިޔާސީ ބޭފުޅުން ވާހަކަދައްކަމުން ދަނިކޮށް ޕްރޮފެސަރު އުގެއިލް މި މައްސަލައާ މެދު ނުސީދާ އިޝާރާތެއް ކުރައްވައިފި އެވެ.

އުގެއިލަކީ 2023 ވަނަ އަހަރު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފެނިދާނެ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އިއްޔެ އުގެއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިރުއިރުކޮޅާ އެފުށް މިފުށަށް ޖެހޭ ގައުމެއްގެ ރައްޔިތުންނަށް ހަމަޖެހުމެއް ކުރިއެރުމެއް ލިބިފައިވާތަން ތާރީހުން ނުފެންނަ ކަމަށެވެ. އޭނާގެ މި ޓްވީޓާ ގުޅިގެން ސޯޝަލް މީޑިޔާގައި ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ އުގެއިލް އެ ފާހަގަ ކުރައްވަނީ ދިވެހި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށެވެ.

ގައުމުތައް ކުރިއަރާ ދިޔަ ގޮތުގެ މައްޗަށް ވެސް އުގެއިލް އަލިއަޅުއްވާލާފައި ވެއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ލިބެނީ ދިގު މުއްދަތަށް ކުރަހާލެވިފައިވާ ދުރުރާސްތާ ޕްލޭންތަކުންނެވެ. ދެން ބޭނުން ވަނީ ހަރުދަނާކަމާއި އިހުލާސްތެރިކަމާއެކު ކުރާ ގިނަ ހިދުމަތްތަކެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަލާއިރު ރާއްޖޭގައި އެންމެ ފުރަތަމަ އޮތީ ވިރާސީ ރަސްކަމުގެ ނިޒާމެކެވެ. އޭގެ ފަހުން ފުރަތަމަ ގާނޫނު އަސާސީއާ ގުޅިގެން 1932 ގައި ވިރާސީ އިންތިހާބީ ރަސް ކަމަކަށް ބަދަލުވި އެވެ. އޭގެ ފަހުން 1953 ގައި ޖުމްހޫރީ ނިޒާމަކަށް ބަދަލުވި އެވެ. އޭގެ ފަހުން އަނެއްކާ އެ ޖުމްހޫރިއްޔަތު އުވާލައި އަލުން ރަސްކަމަކަށް ބަދަލުވި އެވެ. އެ ރަސްކަމަށް ފަހު ދެން ދިވެހި ރާއްޖެއަށް ގެނައީ ޖުމްހޫރީވެރި ކަމެކެވެ.

ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދައުރުތައް ނިންމާލީއެ ނިޒާމުތަކުން ރައްޔިދުން އެދޭ ފޮނިމީރު ނުގެނެވޭނެ ކަމަށް ކުރި ބަހުސުގެ ތެރޭންނެވެ. އޭގެ ފަހުން ވާހަކަ ދެއްކެވުނީ އެންމެ ރަނގަޅު ނިޒާމަކީ ތިންބާރު ވަކިވެފައިވާ ނިޒާމުކަމަށެވެ. އެ ނިޒާމަށް ދިވެހީން ބަދަލުވިތާ އަދި މިވީ 15 ވަރަކަށް އަހަރެވެ. ބަދަލު ކުރި އެނިޒާމް ފުރާވަރަށް ވެސް ނާރަނީސް މިހާރު ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވަނީ ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

މި މައްސަލައިގައި އެކި ފޯރަމްތަކުގައި އެކި ފަރާތްތަކުން ފާޅުކުރާ ހިޔާލުތަކަށް ބަލާއިރު ބައެއް މީހުން ބުނަނީ ބަރުލަމާނީ ނިޒާމު ގެންނަނީ ކޮރަޕްޝަން ނައްތާލާށެވެ. އޭރުން މަޖިލީހުން ބަލަރުލަމާނުން ކަންކަން ބަލާނެއެވެ. އެއަށް ރައްދޭ ފަރާތްތައް އުފައްދާ ސުވާލަކީ މަޖިލީހަކީ ކޮރަޕްޝަން ނެތް ތަނެއް ހެއްޔެވެ؟ އެމްއެމްޕީއާރުސީ މައްސަލައިގައި މަޖިލީހުގެ ކިތައް މެންބަރު ހިމެނޭ ހެއްޔެވެ؟

ބައެއް މީހުން ފާހަގަކުރާ ގޮތުގައި ރާއްޖެ އިގުތިސޯދީ ގޮތުން މީން ޒަމާނަކު ވެސް ނުދާހައި ދަށު ދަރަޖައަކަށް ވެއްޓިފައި އޮއްވައި އަނެއްކާ ނިޒާމު ބަދަލު ކުރުމުގެ ހަރަދުތަކާއި އަރާރުންތަކުގައި ރައްޔިތުން އިތުރަށް ނިކަމެތިކުރަން އުޅުމަކީ ވަރަށް ވެސް ޒިންމާދާރުކަން ކުޑަ، އަމިއްލަ އެދުންތަކާ ގުޅިފައިވާ ވިސްނުމެކެވެ.