ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖުމްހޫރީ ޕާޓީއަށް ހާއްސަކޮށްފައިވާ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ނަން ބޯޑުގެ ތިރީގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ޖެހި މައްސަލައިގެ ވީޑިއޯ ފުޓޭޖު އެ ޕާޓީއާ ހިއްސާ ނުކުރަން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީން ފާސްކޮށްފި އެވެ.
އިމްތިޔާޒު ކޮމިޓީން އެ ނިންމުން ނިންމިއިރު ޖޭޕީގެ ނަން ބޯޑުގެ ދަށުގައި އެހެން ނަންތަކެއް ލިޔުނު މައްސަލަ ބަލައި އެއާ ގުޅޭ ވީޑިއޯ ފުޓޭޖު ދިނުމަށް ޖުމްހޫރީ ޕާޓީން ކުރިން މަޖިލީހުގައި އޮތީ އެދިފަ އެވެ. އަދި އިއްޔެ ބޭއްވި މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ސަނީފް ވިދާޅުވީ އެ މައްސަލަ ކޮންމެހެންވެސް ބަލަން ޖެހޭ ކަމަށެެވެ. އަދި އޭނާ އެދިވަޑައިގެންނެވީ އެ މައްސަލަ ވީހާވެސް އަވަހަަށް ބަލައި ނިންމުމަށެވެ. ސަނީފްގެ ވާހަކަތަކަށް ތާއިދުކުރެއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ނަން ބޯޑުގެ މައްސަލަ ހިނގައި ދިޔަ ދަނޑިވަަޅަކީ ޖުމްހޫރީ ޕާޓީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެންނެވި ވަގުތެއް ކަމަށާއި އަދި ނަން ބޯޑުގެ ދަށުގައި ލިޔުމަކީ ޖުމްހޫރީ ޕާޓީގެ ކަރާމާތާއި ހުރުމަތް ކެނޑުންކަމަށް ވާތީ އެކަން ބަލަން ޖެހޭނެ ކަމަށެވެ.
މައްސަލަ ބަލަން މެމްބަރުން ތާއިދުކުރި ނަމަވެސް އެ މައްސަލައާ ގުޅޭ ފުޓޭޖު ޖުމްހޫރީ ޕާޓީއާ ހިއްސާކުރުމާ މެދު މެމްބަރުންގެ ހިޔާލު ތަފާތުވި އެވެ.
މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ވިދާޅުވީ ފުޓޭޖު ޖުމްހޫރީ ޕާޓީއަށް ދިނުމަށް ތާއިދުނުކުރައްވާ ކަމަށެވެ. އަދި އެއީ މަޖިލީހުގެ ސަލާމަތާ ސެކިއުރިޓީގެ ކަމަކަށްވާތީ ފުޓޭޖް ދޫނުކުރަން އޭނާ ހުށަހެޅުއްވި އެވެ.
"ސަބަބަަކަށް މިވަނީ އަޅުގަނޑުމެންގެ މެންޑޭޓެއް އޮތީމަ މި މައްސަލަ ބަލަން އަޅުގަނޑުމެންނަށް ފޮނުވާފައި މިއޮތީ. އެހެންވެއްޖިއްޔާ އަޅުގަނޑުމެން ބަލާފަ އަދި އެބޭފުޅުން އެެކިއެކި އެހެން ބޭނުންތަކަށް ބޭނުންކުރަން ފުޓޭޖު ދިނުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން." ހާރުން ވިދާޅުވި އެވެ.
ހާރުންގެ ހުށަހެޅުއްވުމާ އެއްގޮތަށް އެ މައްސަލަ ބަލައި އަދި ސީސީޓީވީ ފުޓޭޖު، ޖޭޕީއާ ހިއްސާ ނުކުރަން އިއްޔެ ކޮމިޓީގެ މެމްބަރުންގެ ވޯޓުން ފާސްކުރި އެވެ.