ރޮޒައިނާ އާދަމް

ބަރުލަމާނީ ޕެޓިޝަން މަސައްކަތަށް އެމްޑީޕީގެ ވަސީލަތް ބޭނުންކުރާ ކަމުގެ ތުހުމަތު

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނަށް އެމްޑީޕީގެ ވަސީލަތްތައް ބޭނުން ކުރާ ކަމުގެ ތުހުމަތު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރައްވައިފި އެވެ.

އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަންގައި ސޮއިކުރުން މިހާރު ކުރިއަށް ގެންދަނީ އެމްޑީޕީގެ ހަރުގޭގައެވެ. އަދި އެމްޑީޕީގެ ޓްވިޓާ އެކައުންޓުންވެސް އެކަމާއި ގުޅޭ ބައެއް ޓްވީޓްތަކަށް ލައިކްކޮށް ރި-ޓްވީޓް ކުރެއެވެ.

ނަމަވެސް ބަރުލަމާނީ ނިޒާމު ގެންނަން ޕާޓީގެ މެމްބަރުން ސޮއިކުރަމުންދާ ޕެޓިޝަނަކީ އެމްޑީޕީގެ އެއްވެސް ގުނަނަކުން ނިންމައިގެން ކުރަމުންދާ މަސައްކަތެއް ނޫން ކަމަށް ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. ހަސަން ވިދާޅުވީ ޕެޓިޝަނުގެ މަސައްކަތް އެމްޑީޕީގެ އޮފީސް ތެރޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި ހަރުގެ އަކީ ހުރިހާ މެމްބަރުންނަށް ވެސް ބޭނުންކުރެވޭނެ ތަނެއް ކަމަށެވެ.

އެ ހަރަކާތް ހިންގަން އެ މެމްބަރުން ހުއްދަ ނެނގި ކަމަށާއި އެކަން ކުރުމަށް އެމީހުންނަށް ޖާގަ ދީފައިވާނެ ކަމަށެވެ. ނަަމަވެސް ފޮޓޯ ކޮޕީ ނެގުމާއި ސައި ބަޖެޓް ފަދަ ކަންކަން ހަމަޖައްސައި ދިނުމަށް އެދުމުން އެކަމަށް އިންކާރުކުރައްވާފައިވާނެ ކަމަށް ވިދާޅުވި އެވެ. ސަބަބަކަކީ އެއީ އެމްޑީޕީގެ ރަސްމީ މަސައްކަތަކަށް ނުވުން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް މިކަމުގެ ތެރޭގައި އުޅޭކަން. އެކަމަކު ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީއަކުން އެންޑޯޒެއް ނުކުރޭ. އެމްޑީޕީން އެންޑޯޒް ކޮށްގެން ކުރާނަމަ މިއަށްވުރެ ސާފުކޮށް، މިއަށްވުރެ ރަނގަޅަށް ކުރާނެ. އެހެންވީމާ މިއީ އެއްގޮތަކަށްވެސް އެމްޑީޕީގެ މެމްބަރެއް ނޫން. އަޅުގަނޑަށް އެނގޭ ގިނަ މެމްބަރުންތަކެއް ބައިވެރިވެގެން އުޅޭކަން،" ހަސަން ވިދާޅުވި އެވެ.

ހަސަންގެ ލަތީފް އެ ވާހަކަތައް ސާފުކޮށް ދެއްވުމުން ރޮޒައިނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ ބައެއް މީހުންނަށް އެކަން އޮޅިފައިވާ ކަމަށެވެ. އަދި އެކަން އެހެން ވަނީ ބަޔަކު ތާކު ކުރާ އަމިއްލަ ކަމެއްގައި ބައިވެރިވާން އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން އަންގާތީ ކަމަށް ވެދާނެ ކަމަށެވެ. އެެހެން ވިދާޅުވެ ރޮޒައިނާ ވަނީ އެމްޑީޕީގެ ވަސީލަތްތައް އެކަމަށް ބޭނުން ކުރައްވާ ކަމުގެ ނުސީދާ ތުހުމަތެއް ކުރައްވާފައެވެ.

ހަސަން އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ މަޖިލީސް މެންބަރުންގެ ތެރެއިން 14 މީހަކު ވަނީ ޕެޓިޝަންގައި ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ހަސަންވެސް ހިމެނިވަޑައިގަންނަވައެވެ.

ޕެޓިޝަންގައި މިހާތަނަށް ސޮއިކުރެއްވި މެމްބަރުން

  • ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
  • މާފަންނު ހުޅުނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
  • މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
  • އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)
  • މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން
  • ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
  • ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)
  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  • މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
  • ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް
  • މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
  • ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކޮށް ދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އެ ޕެޓިޝަންގައި އިސްކޮޅު އުޅުއްވާ ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ ޕެޓިޝަންގައި ސޮއި ކުރުމަށް އިތުރު މެމްބަރުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ނަމަވެސް މިވަގުތު ހާލަތު ހުރިގޮތުން އަދި އެ ޕެޓިޝަންގައި ސޮއިކުރަން ބޭނުންނުވާ ކަމަށެވެ.

"ކުރީގެ ސަރުކާރުގެ ކެބިނެޓް ވަޒީރުންވެސް އެބަހުރި ޝައުގުވެރިކަން ފާޅުކޮށްފައި. އަޅުގަނޑުމެންގެ އަމާޒަކީ 100 ދުވަސްތެރޭ 100،000 ސޮއި ހޯދުން. އެއަށް ފަހު އެ ޕެޓިޝަން އަޅުގަނޑުމެން ހުށަހަޅާނަން މަޖިލީހަށާއި ރައީސްއަށް ވެސް" ނިޝާން ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ޕެޓިޝަން ރާއްޖޭގައި އެކި ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ނަމަވެސް ކޮވިޑާ ގުޅިގެން އެ މަސައްކަތުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.