ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ޖެހިގެން ލައިފް ސަޕޯޓްގައި 109 ދުވަހު އޮތް މީހަކު ރަނގަޅުވެއްޖެ

ކޮވިޑް ޖެހި ހާލު ބޮޑުވެފައި މާ ގިނަ ދުވަހު ދުނިޔޭގައި އޮންނަނީ ވަރަށް މަދު ބައެކެވެ. އިންޑިޔާގެ ޗެންނާއީގެ މި ފިރިހެންމީހާއަކީ އެ ގައުމުގައި ކޮވިޑް ޖެހުނު އެތައް މިލިއަން މީހުންނެއްގެ ތެރެއިން ފާހަގަކޮށްލެވޭ މީހަކަށް ވީ އޭނާ މަރާ ހަނގުރާމަ ކުރުމުގައި ހޭދަ ކުރި ދުވަސްތައް ގިނަ ކަމުންނެވެ.

ކޮވިޑް ޖެހުމާ ގުޅިގެން ފުއްޕާމެއަށް ކުރިމަތިވި މައްސަލަތަކަކަށް ފަރުވާ ކުރުމަށް އެކްސްޓްރާ ކޯޕްރަލް މެމްބްރޭން އެކްސިޖަނޭޝަން (އީސިއެމްއޯ) އާއި ވެންޓިލޭޓާ ސަޕޯޓުގައި މި މީހާ 109 ދުވަހު އޮތެވެ. މިހާ ބޮޑަށް ބަލިވާ މީހުންގެ ތެރެއިން ފުރާނަ ސަލާމަތް ވަނީ މަދު ބައެއްގެ އެވެ. އަދި ސަލާމަތްވާ މަދު މީހުން ވެސް ސަލާމަތް ވެފައިވަނީ ފުއްޕާމޭ ޓްރާންސްޕްލާންޓް ކޮށްގެންނެވެ. ނަމަވެސް މި ފިރިހެންމީހާ މުޅިން ފަސޭހަވީ ލަންގް ޓްރާންސްޕްލާންޓް ވެސް ނަހަދާ ކަމަށް އޭނާއަށް ފަރުވާ ދިން ރެލާ ސިޓީ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައި ވެއެވެ.

މުހައްމަދު މުއްދީޖާ، 56، މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ނުކުތީ މުޅިން ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގަ އެވެ. މުއްދީޖާގެ ފުރާނަ ސަލާމަތްވުން ޑޮކްޓަރުން ވަނީ ހައިރާން ވެފައެވެ. ސަބަބަކީ އިންޑިޔާގައި އީސީއެމްއޯ ސަޕޯޓުގައި ނުވަ ހަފުތާ އޮތް މީހަކު މިހާތަނަށް ލިވާ ޓްރާންސްޕްލާންޓް ނުހަދައި ސަލާމަތް ވެފައި ނެތީމަ އެވެ.

އީސީއެމްއޯ އާއްމު ގޮތެއްގައި ދެނީ ލަންގް ޓްރާންސްޕްލާންޓެއް ކުރެވެންދެންނެވެ. ނަމަވެސް މި މީހާގެ ފުއްޕާމޭ ބަދަލު ނުކޮށް ސަލާމަތްވުން ވެފައިވަނީ އާދަޔާޚިލާފު ކަމަކަށެވެ.

ހޮސްޕިޓަލުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މުއްދީޖާ އަށް ފަރުވާ ދިން ޑޮކްޓަރުން ވިދާޅުވީ އީސީއެމްއޯގައި މުއްދީޖާ 50 ދުވަހު ބޭއްވި ފަހުން އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވާން ފެށީ ކަމަށެވެ. އަދި ފުއްޕާމޭގެ މަސައްކަތް ވެސް ރަނގަޅުވާން ފެށީ ކަމަށެވެ. އެހެންވެ ޓްރާންސްޕްލާންޓް ނަހަދައި ކުރިން ވެސް ދެމުން ދިޔަ ފަރުވާ ކުރިޔަށް ގެންދިޔައީ ކަމަށެވެ.