ބޮލީވުޑް

ކޭބީސީ 12 އިގެ ފުރަތަމަ ކްރޯޅުޕަތީއަކީ ލޯފަން މީހެއް

އަމީތާބު ބައްޗަން ހުށަހަޅައި ދޭ މަޝްހޫރު ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ" ގެ 12 ވަނަ ސީޒަން މިދިޔަ ހަފުތާގައި ވަނީ ފަށާފަ އެވެ. މި ޝޯގައި އެއް ކްރޯޑު ރުޕީސް ހޯދައިގެން ފުރަތަމަ ކްރޯޅްޕަތީއަކަށް ވެފައި ވަނީ ފެނުމުން މަހްރޫމްވެފައިވާ އަންހެނެކެވެ. މި ޝޯގެ އެންމެ ފަހުގެ ޕްރޮމޯގައި މި އަންހެންމީހާ، ހިމާނީ ބަންޑޭލާ އެއް ކްރޯޑު ހޯދާތަން ފެނެ އެވެ. އަދި އިޝްތިހާރުގައި ބުނާ ގޮތުން އޭނާއަށް ލިބުނު އެއް ކްރޯޑު ނުރައްކަލަށް ހުށަހަޅާފައިވާ ހަތް ކްރޯޑު ރުޕީސްގެ ޖެކްޕޮޓް ސުވާލަށް ޖަވާބު ދޭން ހިމާނީ ވަނީ ތައްޔާރުވެފަ އެވެ.

މި ޝޯގެ 15 ވަނަ ސުވާލު އަދި އެއް ކްރޯޑު ލިބޭ ސުވާލުގެ ޖަވާބު ހިމާނީ ރަނގަޅަށް ދިނުމުން އަމީތާބު އެއް ކްރޯޑު ރުޕީސްގެ ޗެކެއް ލިޔެ ހިމާނީ އާ ހަވާލު ކުރާތަން ވެސް އިޝްތިހާރުގައި ފެނެ އެވެ.

ދެން ހިމާނީ ބޭނުން ވަނީ އޭނާއަށް ލިބުނު އެއް ކްރޯޑު ގެއްލުނަސް ހެޔޮކަމަށް ހަތް ކްރޯޑުގެ ޖެކްޕޮޓް ބުރު ވެސް ކުޅޭށެވެ.

ހަތް ކްރޯޑުގެ ސުވާލުގެ ކުރިން އަމީތާބު ކައިރީ ހިމާނީ ބުނަނީ ނުބައިކޮށް ޖަވާބު ދެވިދާނެތީ ވަރަށް ބިރު ގަންނަ ކަމަށެވެ. ނަމަވެސް ޖަވާބުދޭން ހިތް އޭނާ ކައިރީ ބުނާ ކަމަށެވެ. އެހެން ބުނެފައި އޭނާ އެ ސުވާލުގެ ޖަވާބު ދެއެވެ. އޭނާގެ ސުވާލު ރަނގަޅުތޯ ނުވަތަ ނޫންތޯ އެނގޭނީ ދެން ދައްކާ އެޕިސޯޑެއްގަ އެވެ.

ހިމާނީގެ އިޝްތިހާރުގައި އަމީތާބުގެ ހަރަކާތްތައް ހުރި ގޮތުން ގިނަ ބަޔަކަށް އަސަރު ކޮށްގެން އެ ވާހަކަތައް ވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ދައްކަމުންނެވެ.

އަމީތާބު ހިމާނީގެ އަތުގައި ހިފައިގެން ގެނެސް ގޮނޑިގައި ބައިންދާ ތަނާއި ފެންތައްޓެއް ދޭ މަންޒަރު ފެނިފަ އެވެ. އަމީތާބުގެ ފަދަ ސުޕަ ސްޓާރެއްގެ މި ހަރަކާތްތައް މިފަދަ ގޮތަކަށް ހުރެދާނެ ކަމަށް މީގެ ކުރިން މީހުންނަށް ގަބޫލު ކުރެވިފައި ނެތީމަ އެވެ.