ކްރޮސް ރޯޑް މޯލްޑިވްސް

ކްރޮސްރޯޑް އަންނަ މަހު އާއްމުންނަށް ހުޅުވަނީ

Aug 27, 2021

ކެއުމަށް ހާއްސަ ގިނަ ތަންތަން ހުންނަ ކްރޮސްރޯޑް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާއްމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

ކެއުމަށް ހާއްސަ ތަންތަނާއި ޔޮޓް މެރީނާ އަދި ރިސޯޓުތައް ހިމެނޭ ކްރޮސް ރޯޑް މޯލްޑިވްސް އަންނަ މަހު ހުޅުވާލުމާ ބެހޭ ގޮތުން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާއްމުންނަށް ހުޅުވާލާއިރު، އެތަނަށް ދާ މީހުން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް ގެންދަން ޖެހޭނެ ކަމަށެވެ. މިއީ އެޗްޕީއޭގެ ގައިޑްލައިން ފުރިހަމަ ކުރަން އަޅާ ފިޔަވަޅެކެވެ.

އާއްމުންނަށް ކްރޮސްރޯޑަށް ދެވޭނީ ހެނދުނު 11:00 އިން ރޭގަނޑު 11:00 ގެ ނިޔަލަށެވެ.

ކޮވިޑް-19 ގެ ބަލި ފެތުރެން ފެށުމާއެކު ކްރޮސްރޯޑް އާއްމުންނަށް ބަންދު ކޮށްފައިވަނީ މިދިޔަ އަހަރު އެވެ.

ތައިލެންޑުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސިންހަ އެސްޓޭޓުން ތަރައްގީ ކުރި އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީ ކުރި "ކްރޮސް ރޯޑް" މަޝްރޫއުގައި ޖުމްލަ ނުވަ ރަށް ހިމެނެ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދުވާނެ އެވެ. އަދި މުޅި މި މަޝްރޫއު ނިންމަން ކަނޑައަޅާފައި އޮތީ އަންނަ އަހަރު އެވެ. މި މަޝްރޫއު ނިމޭއިރު މުޅި މަޝްރޫ އަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުވާނެކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ