ކާބުލް އެއާޕޯޓަށް ދިނީ އެންމެ ހަމަލާއެއް ނޫން ކަމަށާއި އެއާޕޯޓާ އިންވެގެން އޮންނަ ސަރަހައްދުގައި އެތައް ބޮމެއް ގޮއްވާފައިވާ ކަމަށް ތާލިބާން ޕޮލިޓިކަލް އޮފީހުގެ ތަރުޖަމާން، މުހައްމަދު ނައީމް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ހަމަލާދިން ބަޔަކު އަދި މުޅިން ސާފު ނުވާ ކަމަށެވެ.
އަފްޣާން ސިއްހީ އޮފިޝަލަކާ ހަވާލާދީ ބީބީސީން ބުނި ގޮތުން ހަމަލާގައި މަރުވި މީހުންގެ އަދަދު 60 އަށް ވުރެ ގިނަވާނެ އެވެ. މަރުވި މީހުންގެ ތެރޭގައި އެމެރިކާ ސިފައިންގެ 13 މީހަކު ހިމެނޭ ކަމަށް ވެސް ވެއެވެ. ބީބީސީން ބުނީ 140 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެމެރިކާގެ ރައިސް ޖޯ ބައިޑަން ވިދާޅުވީ ހަމަލާގެ ފަހަތުގައި ތިބީ އައިސިސް-ކޭ ޓެރަރިސްޓުން ކަމަށެވެ. ބައިޑަން ވިދާޅުވީ އައިސިސް-ކޭ ޓެރަރިސްޓުންނަކީ އަފްޣާންގައި ހަރަކާތްތެރިވާ އައިސިސްއާ ގުޅިގެން ޖާނު ގޮއްވާލައިގެން ހަމަލާދޭ ގުރޫޕެއް ކަމަށެވެ.
ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ޓްވީޓް ކުރައްވައި މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވީ މަދަނީ ވަސީލަތްތަކަށް އަމާޒުކޮށް ކާބުލް އެއާޕޯޓަށް ދިން ހަމަލާ ތާލިބާނުން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށާއި ހަމަލާގެ އަމާޒަކީ އެމެރިކާ ސިފައިން ކަމަށެވެ.
ޒަބީހުﷲ ވިދާޅުވި ގޮތުން ކާބުލް އެއާޕޯޓްގެ މުޅި ސަރަހައްދު އޮތީ އެމެރިކާގެ ހިމާޔަތުގަ އެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ބުނާ ވަރުގެ ގަދަފަދަ ރައްކާތެރި ކަމެއް ކާބުލް އެއާޕޯޓް ސަރައްދުގައި އޮތްއިރު ޓެރަރިސްޓް ހަމަލާއެއް ދެވޭނީ ވަރަށް ރަނގަޅަށް ރާވައިގެން ކަމަށެވެ.
ތަރުޖަމާން ވިދާޅުވީ ހަމަލާދިން ބަޔަކު ހޯދާނެ ކަމަށާއި އެއީ ކޮންމެ ބަޔަކަށްވި ނަމަވެސް އެއީ ތާލިބާނުންގެ ތެރޭގައިވާ ބައެއް ނޫން ކަމަށެވެ. އޭނާ ތަކުރާރުކޮށް ވިދާަލުވީ ހަމަލާދިނީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ކަމަށާއި އާންމުންނަށް އަމާޒުކުރި ނަމަ ހަމަލާ ދޭނީ އަވަށުތެރޭގައި ކަމަށެވެ.