އިމްރާން އަބްދުﷲ

އަދާލަތަކީ ޝަރަފުވެރި ފިކުރެއް، ދާނީ ކުރިއަށް: އިމްރާން

އަދާލަތު ޕާޓީއަކީ ޝަރަފުވެރި ފިކުރެއް ކަމަށާ އެ ޕާޓީ ދާނީ ކުރިއަށް ކަމަށް އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ އަދާލަތުގެ ތާއީދު ބޮޑު މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ހދ. ވައިކަރަދޫއަށް ވަޑައިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ވައިކަރަދޫއަކީ އަދާލަތުގެ އެންމެ މެންބަރުން ގިނަ ރަށެވެ. އެ ޕާޓީ އުފެދުނު ފަހުން އެ ރަށުގެ ގިނަ ބައެއްގެ ތާއީދު އަދާލަތަށް އޮވެއެވެ.

އިމްރާންގެ ޓްވީޓްގައި ވިދާޅުވީ ތިލަދުންމަތީ ވައިކަރަދޫއަށް އާދެވުނީމަ އަބަދުވެސް ޔަގީންވަނީ އަދާލަތު ދާނީ ކުރިއަށް ކަމަށެވެ. އަދި އަދާލަތު ޕާޓީއަކީ ފިކުރެއް ކަމަށް ވިދާޅުވެ އެއީ ވައިކަރަދޫ ރައްޔިތުން އެދޭފަދަ ޝަރަފުވެރި ފިކުރެއް ކަމަށް ވިދާޅުވިއެވެ. އެ ޓްވީޓާއެކު ހޭސްޓެގް ބޭނުންކުރައްވާ "ސާފު އަމާޒަކަށް" މިހެން ލިޔުއްވާފައިވެއެވެ.

އަދާލަތު ޕާޓީން ދާދި ފަހުން ވަނީ އެ ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމަށް ހާއްސަ ކެންޕެއިނެއް ފަށާފައެވެ. އެހެން ކަމުން އިމްރާން އެ އިޝާރާތް ކުރަނީ އެ ކަމަށް ކަމަށް ބެލެވެއެވެ.

މީގެ ކުރީންވެސް އެފަދަ ކެންޕެއިންތައް ކުރިއަށް ގެންދިޔަނަމަވެސް މިދިޔަ ފަސް އަހަރެއްހާ ދުވަހުންވެސް އަދާލަތުގެ މެންބަރުންގެ އަދަދު 10،000 އަށް އިތުރުކުރެވިފައެއް ނުވެއެވެ. އެހެން ކަމުން މިދިޔަ މުއްދަތުގައި ދައުލަތުން އެ ޕާޓީއަށް ފައިސާ ލިބިފައެއް ނުވެއެވެ.

އެ ޕާޓީން އަމާޒު ހިފާފައިވަނީ ދައުލަތުން ދެން ފައިސާ ދޫކުރުމުގެ ކުރީން ޕާޓީގެ މެންބަރުންގެ އަދަދު 10،000 އަށް އިތުރު ކުުރުމަށެވެ.