އެމްޑީޕީ

ރޮޒައިނާއަށް ރައްދެއް: ބަރުލަމާނީ ކެންޕެއިން ގެންދާނީ އެމްޑީޕީ ހަރުގެތަކުގައި

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނަށް އެމްޑީޕީގެ ވަސީލަތްތައް ބޭނުން ކުރާ ކަމުގެ ތުހުމަތު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވުމުން އެކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ރައްދު ދެއްވައިފި އެވެ.

އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަންގައި ސޮއިކުރުން މިހާރު ކުރިއަށް ގެންދަނީ އެމްޑީޕީގެ ހަރުގޭގައެވެ. ރަށްރަށުގައި ހުންނަ އެމްޑީޕީގެ ހަރުގެތަކުގައިވެސް އެ ކެންޕެއިން ދަނީ ހިންގަމުންނެވެ. އަދި އެމްޑީޕީގެ ޓްވިޓާ އެކައުންޓުންވެސް އެކަމާއި ގުޅޭ ބައެއް ޓްވީޓްތަކަށް ލައިކްކޮށް ރި-ޓްވީޓް ކުރެއެވެ.

ނަމަވެސް ބަރުލަމާނީ ނިޒާމު ގެންނަން ޕާޓީގެ މެމްބަރުން ސޮއިކުރަމުންދާ ޕެޓިޝަނަކީ އެމްޑީޕީގެ އެއްވެސް ގުނަނަކުން ނިންމައިގެން ކުރަމުންދާ މަސައްކަތެއް ނޫން ކަމަށް ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. ހަސަން ވިދާޅުވީ ޕެޓިޝަނުގެ މަސައްކަތް އެމްޑީޕީގެ އޮފީސް ތެރޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި ހަރުގެ އަކީ ހުރިހާ މެމްބަރުންނަށް ވެސް ބޭނުންކުރެވޭނެ ތަނެއް ކަމަށެވެ.

ހަސަންގެ ލަތީފް އެ ވާހަކަތައް ސާފުކޮށް ދެއްވުމުން ރޮޒައިނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ ބައެއް މީހުންނަށް އެކަން އޮޅިފައިވާ ކަމަށެވެ. އަދި އެކަން އެހެން ވަނީ ބަޔަކު ތާކު ކުރާ އަމިއްލަ ކަމެއްގައި ބައިވެރިވާން އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން އަންގާތީ ކަމަށް ވެދާނެ ކަމަށެވެ. އެެހެން ވިދާޅުވެ ރޮޒައިނާ ވަނީ އެމްޑީޕީގެ ވަސީލަތްތައް އެކަމަށް ބޭނުން ކުރައްވާ ކަމުގެ ނުސީދާ ތުހުމަތެއް ކުރައްވާފައެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ ރޮޒައިނާއަށް ރައްދު ދެއްވާފައެވެ. ރޮޒައިނާއަށް ޗެލެންޖްކޮށް ޝިޔާން ވިދާޅުވީ ބަރުލަމާނީ ކެންޕެއިން ހިންގާނީ ސީދާ އެމްޑީޕީގެ ހަރުގެތަކުގައި ކަމަށެވެ. އަދި އެއީ އެމްޑީޕީގެ މެންބަރުން ބޭނުންވާ ގޮތް ކަމަށް ވިދާޅުވެ ރޮޒައިނާއަށް ފާޑުވިދާޅުވިއެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުވެސް ވަނީ ރޮޒައިނާގެ ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ހަރުގެ ހިންގާ ގޮތާ ޑީއާރުޕީ ހަރުގެ ސިނަމާލެ ދެ އެޕާޓްމެންޓް އެއްކޮށްގެން ރޮޒައިނާމެން ހިންގެވި ގޮތާ ވަރަށް ތަފާތުވާނެ ކަމަށެވެ. އަދި އެމްޑީޕީ ހަރުގެއަކީ އާއްމު މެމްބަރުންގެ ހަރަކާތްތަކަށް ހަދާފައި ހުންނަ ތަނެއް ކަމަށް ވިދާޅުވިއެވެ.

ވަހީދުގެ ވާހަކަތަކަށް ރޮޒައިނާވެސް ރައްދު ދެއްވިއެވެ. އޭނާ ވަނީ އެމްޑީޕީގެ ހަރުގޭގެ ވާހަކައެއް ބުނެވުނުތޯ ސުވާލު ކުރައްވާފައެވެ. އަދި ވިދާޅުވީ "ދަލު ބޭރުން ޖެހިގެން" ވަހީދު ދައްކަވަނީ ކޮން ވާހަކައެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ކޮންމެ ކަމެއް ހިތުހުރި ގޮތަކަށް ކޮށްފައި ޑީއާރުޕީއޭ ބުނީމަ ދެން އެ އޮތީ ބޮޑުތާ ޖެހިފައި. ދެން އެހެން ބުނާއިރަށް އަހަރެމެންވީ މަޑުން ތިބެން. ނުވާނެ ތިކަމެއް،" ވަހީދަށް ރައްދު ދީ ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ވަހީދާއި ޝިޔާން ފާހަގަކުރެވިފައިވަނީ ނަޝީދުގެ ވަފާތެރި މެންބަރުންގެ ގޮތުގައެވެ. ރޮޒައިނާއަކީ އަބަދުވެސް ރައީސް ސޯލިހްގެ ދިފާއުގައި ޓްވިޓާގައި ވާހަކަ ދައްކަވާ މެންބަރެކެވެ.