ހަބަރު

އަދީބުގެ ބަންދު އަނެއްކާވެސް އިތުރުކޮށްފި

ގައުމަށް ގައްދާރުވީ ކަމުގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަބްދުލް ގަފޫރްގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރު ކޮށްފި އެވެ.

އަދީބު ބަނދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އިއްޔެ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ދޫނިދޫގައި ބޭއްވި ޝަރީއަތުގެ މަޖުލީހުގަ އެވެ. އަދި މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ވަނީ އަދީބުގެ ބަނދަށް 15 ދުވަހުގެ މުއްދަތް ޖަހާފަ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވައިލި މައްސަލައިގައި ވެސް ތުހުމަތު ކުރެވޭ އަދީބުގެ މައްޗަށް އެމްއެމްޕީއާރުސީގެ ފައިސާތަކަކަށް ހިޔާނާތްވި މައްސަލައިގަ އާއި ފިސްތޯލެއް ގެންގުޅުނު މައްސަލަ އަދި ފުލުހުންނަށް ރިޝްވަތު ދިން މައްސަލައިގައި ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ބަންދުގައި ހުރި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.