ލައިފްސްޓައިލް

ޓެސްޓް ހަދާތާ 30 އަހަރު، ލައިސަންސް ނުލިބޭ!

ޑްރައިވިން ލައިސަންސް ހޯދަން މަސައްކަތް ކުރާތާ 30 އަހަރު ވީއިރުވެސް ޑްރައިވިން ލައިސަންސް ނުލިބިގެން އުޅޭ މީހެއްގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ މި މީހާ 1000 އަށް ވުރެ ގިނަ ފަހަރު މިހާރު ޓެސްޓް ހަދައިފި އެވެ. މި ހުރިހާ ފަހަރަކު ވެސް އޭނާ ވަނީ ފޭލް ވެފަ އެވެ. މިހާ ގިނަ ދުވަސްވީއިރު ވެސް މިމީހާ ފޭލްވާ ސަބަބަކީ ކާރުގެ ހުންގާނުގައި ހިފާއިރަށް އެ ގެންނަ ބިރަކުންނެވެ.

އިންގްލެންޑްގެ ބެޑްފޯޑްޝަޔާގައި ދިރިއުޅޭ އިޒަބެލް ސްޓެޑްމަން އެންމެ ފުރަތަމަ ދުއްވަން ދަސްކުރަން ފެށީ އޭނާގެ އުމުރުން 17 އަހަރުގަ އެވެ. ނަމަވެސް މިހާރު 47 އަހަރު ވެފައިވާ އިޒަބެލްއަށް އަދިވެސް ދުއްވާކަށް ދަހެއް ނުވެ އެވެ. ނޫންނަމަ ލައިސަންސް ލިބޭ ވަރަކަށް ނުދުއްވެ އެވެ.

ހުންގާނުގައި ހިފަން އޭނާ އެ ގަންނަ ބިރެއް ހުދް އިޒަބެލް އަކަށް ވެސް ބުނެދޭކަށް ނޭނގެ އެވެ. އޭނާ ބުނި ގޮތުގައި ޑްރައިވަރު ސީޓުގައި އިށީންނައިރަށް މުޅި މީހާ ތުރުތުރުއަޅާ ދާހިއްލުމުގެ އިތުރުން ރޮވެން ފަށަ އެވެ. އަދި ބައެއް ފަހަރަށް އަނބުރައި ވެސް ގަނެ އެވެ. އަނެއްބައި ފަހަރު ހޭވެސް ނެތެ އެވެ.

އިޒަބެލް އަންދާޒާ ކުރާ ގޮތުގައި ޑްރައިވިން ދަސް ކުރުމަށް ފާއިތުވީ އަހަރު ތަކުގައި އޭނާގެ އަތުން 10،000 ޑޮލަރު ޚަރަދުވެފައި ވާނެ އެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ޓެސްޓް ފުރިހަމަ ކުރެވޭ ގޮތެއް ނުވެ އެވެ.

"އަހަރެން ޑްރައިވިން ދަސްކުރާތާ 30 އަހަރު ވެއްޖެ. އެކަމަކު އަދިވެސް އަހަރެން ހަމަ ކާރަކަށް އަރާއިރަށް އެއޮއް ވާގޮތެއް ބުނެދޭކަށް ވެސް ނޭނގޭ. ހީވަނީ އަލަށް ހެން ކާރަކަށް އަރަނީ،" އިޒަބެލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކާރަށް އެރުމާއެކު ހިތް ނުތަނަވަސްވެގެން ގޮސް އޭނާގެ ސިކުނޑީގެ މަސައްކަތް ހުއްޓެ އެވެ. އަދި ހޭނެތިގެން ވެއްޓެ އެވެ. ހޭ އަރާއިރު އިންސްޓްރަކްޓަރު އޮންނަނީ ކާރު އެއްފަރާތަކަށް މަޑު ކޮށްފަ އެވެ. އެހިސާބުން ދެން އޭނާއަށް ރޮވޭ ވަރުން އިތުރަށް ކާރުގައި މަޑެއް ނުކުރެވެ އެވެ. ދެން ޖެހެނީ އަވަހަށް ގެޔަށް ދާށެވެ.

އިޒަބެލް ބުނަނީ އޭނާ ކާރު ދުއްވަން ދަސްކުރަން އިންތިހާއަށް ބޭނުމެވެ. އެއީ ދަރިފުޅު ސްކޫލަށް ލާން ދާށާއި ދުރު ހިސާބުތަކުގައި އުޅޭ ތިމާގެ މީހުންނަށް ޒިޔާރަތް ކުރަން ފަސޭހައަކަށެވެ.

"އަހަންނަށް ހީވަނީ އަހަރެންނަށް ލައިސަންސް ނުލިބެނީސް ދަރިން ވެސް ލައިސަންސް ނަގާނެހެން،" އިޒަބެލް ބުންޏެވެ.

އިޒަބެލްގެ ފިރިހެން ދަރިފުޅު ޑޮމިނިކް އަށް މިހާރު 22 އަހަރެވެ. އަންހެންދަރިފުޅު ސްޓެލާއަށް 17 އަހަރެވެ. މި ދެ ކުދިން ވެސް މިހާރު ދަނީ ކާރު ދުއްވަން ދަސް ކުރަމުންނެވެ. އަދި މި ކުދިންނަކަށް އެ ކުދިންގެ މަންމައަށް ދިމާވާ ކަހަލަ މައްސަލައެއް ދިމަލެއް ނުވެ އެވެ.

އިޒަބެލް އެންމެ ފަހުން ހޭނެތުނީ އެއް ހަފުތާ ވަންދެން ވަރަށް ގަދަޔަށް ދުއްވަން ދަސްކުރާގޮތް ކިޔައިދޭ ކޯހެއް ހެދުމަށްފަހު ކާރަށް އެރި ދުވަހު އެވެ. އެ ދުވަހު ހޭނެތުނީ ރައުންޑްއެބައުޓަކާ އަރާ ހަމަވާތީ ގަންނާކުރެއްވި ބިރުންނެވެ.

"މި ހަފުތާ އަދި މިއީ އެންމެ އުނދަގޫ ހަފުތާ. އަހަރެން ތިން ދުވަސް ވަންދެން ދުއްވަން ދަސްކުރާ ކޯސް ހަދާފަ ކާރު ދުއްވަން އަރައިގެން ރައުންޑްއެބައުޓާ ހަމަވާން ފެށުމުން ދެން ވީގޮތެއް ނޭނގި ޚަބަރު ހުސްވީ. އިންސްޓްރަކްޓަރު ފަހުން އަހަރެން ކައިރީ ބުނި އަހަރެން ހޭނެތިގެން ވެއްޓުމުން އޭނާ ކާރުގެ ހުންގާނުގައި ހިފައި އެއްފަރާތެއްގައި މަޑުކުރީއޭ. އެންމެ ހައިރާންވާ ކަމަކީ ދުވަހަކުވެސް އަހަރެން ކާރު އެކްސިޑެންޓެއް ފަދަ ކަމެއް ތަޖުރިބާ ކޮށްފައި ނެތުން. އެކަމަކުވެސް ހަމަ ބިރުގަންނަނީ މާ ބޮޑަށް،" އިޒަބެލް ބުންޏެވެ.

މި ފޯބިއާ އިން ސަލާމަތްވޭތޯ އިޒަބެލް ޑޮކްޓަރުންނަށް ދައްކައިގެން އެމީހުންގެ އެހީ ހޯދަން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެމީހުންނަކަށް ވެސް އޭނާއަކަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދެވުނެވެ.

އިޒަބެލް މިހާރު ގަބޫލުކުރަނީ ދަރިން ލައިސަންސް ނެގިޔަސް އޭނާއަކަށް ދުވަހަކު ވެސް ލައިސަންސެއް ނުނެގޭނެ ކަމަށެވެ.