އިންގްލެންޑްގެ މީހަކަށް ޓެސްޓަކުން ފެއިލް ވުމަކީ އާ ކަމެއް ނޫނެވެ. އޭނާ ޑްރައިވިން ލައިސަންސް ހޯދަން ކުރި މަސައްކަތުން މިކަން ސާބިތުވެ އެވެ. ޑްރައިވިންގެ ތިއަރީ ޓެސްޓުން ފާސް ނުވެގެން އެމީހާއަށް 157 ފަހަރު ޓެސްޓުގައި ބައިވެރިވާން ޖެހުނެވެ. ނަމަވެސް ކޮންމެ ފަހަރަކު ފެއިލްވުމުން އަނެއްކާވެސް ހިތްވަރުކޮށްފައި އަނެއް ފަހަރު ވެސް ބައިވެރިވަނީ އެވެ. ނަސީބަކުން 157 ފަހަރު ޓެސްޓްގައި ބައިވެރިވި ފަހުން މި މީހާ މިހާރު ވަނީ ފާސްވެފަ އެވެ. އޭނާ ފާސްވީ 158 ވަނަ ފަހަރު ބައިވެރިވި ޓެސްޓުންނެވެ.
މިގޮތަށް ސަތޭކަ އަށް ވުރެ ގިނަ ފަހަރު ޓެސްޓް ހަދަން ޖެހުމުން އެމީހާ އަށް 3000 ޕައުންޑަށް ވުރެ ގިނައިން ޚަރަދުވެފައި ވެއެވެ. އެއީ އެޕްލިކޭޝަން ފޯމު ފުރައި ޓެސްޓުގައި ބައިވެރިވާން ފުރިހަމަކުރަން ޖެހޭ އެހެނިހެން ކަންތައްތައް ފުރިހަމަ ކުރުމަށް ޚަރަދުވި ފައިސާ އެވެ.
ތިއަރީ ޓެސްޓުން ފާސްވިޔަސް އަދި މި މީހާ ޑްރައިވިން ޓެސްޓެއް ނުހަދަ އެވެ. އެއީ ޑްރައިވިން ޓެސްޓުގައި ބައިވެރި ވެވެނީ ތިއަރީ ޓެސްޓުން ފާސްވެގެން ކަމަށް ވާތީ އެވެ. އެހެންވެ އަނެއްކާ މި މީހާ ޑްރައިވިން ޓެސްޓުގައި ކިތައް ފަހަރު ބައިވެރިވާން ޖެހޭނެތޯ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.
އިންގްލެންޑްގެ ޑްރައިވިން އެންޑް ވެހިކަލް ސްޓޭންޑަޑްސް އެޖެންސީން ނެރުނު ތަފާސް ހިސާބު ދައްކާ ގޮތުގައި އެ ގައުމުގައި ދެ ވަނަ އަށް އެންމެ ގިނަ ފަހަރު ޑްރައިވިން ތިއަރީ ޓެސްޓުން ފޭލްވެފައިވަނީ 30ގެ އަހަރުތައް ގުނަމުންދާ އަންހެނެކެވެ. އެ މީހާ މިހާތަނަށް 117 ފަހަރު ތިއަރީ ޓެސްޓުގައި ބައިވެރިވެ ވަނީ ފެއިލްވެފަ އެވެ.
ތިން ވަނައިގައި އުޅެނީ 48 އަހަރުގެ އަންހެނެކެވެ. އެމީހާ މިހާތަނަށް 94 ފަހަރު ޓެސްޓް ހަދައި ވަނީ ފެއިލްވެފަ އެވެ.
ޕްރެކްޓިކަލް ޓެސްޓު އެންމެ ގިނައިން ހަދާފައިވަނީ 72 އަހަރު އިނގިރޭސި ފިރިހެނެކެވެ. އޭނާއަށް ލައިސަންސް ލިބުނީ 43 ފަހަރު ޑްރައިވިން ޓެސްޓް ހަދައިގެންނެވެ. އޭނާގެ ފަހަތުން ދެ ވަނައިގައި އުޅެނީ 47 އަހަރުގެ އަންހެނެކެވެ. އެ މީހާ މިހާތަނަށް 41 ފަހަރު ޓެސްޓު ހަދައި ވަނީ ފެއިލްވެފަ އެވެ.
މިހާ ގިނަ ފަހަރު ޓެސްޓު ހަދައިގެން ފެއިލްވާ މީހުންނަށް ޑްރައިވިން ލައިސަންސް ދީ ވެހިކަލް ދުއްވުމުގެ ހުއްދަ ދޭން ޖެހޭތޯ ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
ޑައިރެކްޓަރު އޮފް ސެލެކްޓް ކާ ލީޒިން، މާކް ޓަންގް ބުނި ގޮތުގައި 157 ފަހަރު ވެސް ޓެސްޓުގައި ބައިވެރިވުމަކީ މައްސަލައެއް ނޫނެވެ. އޭގެން ވެސް ހާމަވަނީ އެ މީހެއްގެ ހުރި ހިތްވަރެވެ. އެފަދަ މީހުންނަށް ހަގީގަތުގައި ވެސް އެމީހުން އެކުރާ މަސައްކަތަށް ތައުރީފު ހައްގު ކަމަށް އޭނާ ބުންޏެވެ.