ޖަރުމަނަށް މާ ދުރު ނޫން ތާރީހެއްގައި އާ ލީޑަރަކު ލިބޭނެ އެވެ. އެއީ ކަށަވަރު ކަމެކެވެ. ސަބަބަކީ ޖަރުމަނުގައި މި އަހަރު އޮންނަ އިންތިހާބުގައި، ޗާންސެލަރު ކަމުގައި މިހާރު ހުންނެވި އެންޖެލާ މާކެލް ބައިވެރިވެ ވަޑައިނުގަންނަވާނެތީ އެވެ.
ޖަރުމަނުގައި 16 އަހަރު ވެރިކަން ކުރެއްވުމަށް ފަހު އެންޖެލާ މާކެލް ގެއަށް ވަޑައިގަންނަވާއިރު އެ ކަމަނާއާ މެދު ދުނިޔެ އޮތީ ހިތްހަމަޖެހިފަ އެވެ. ޖަރުމަނަކީ ހުޅަނގުގެ އެޖެންޑާ ތަންފީޒް ކުރުމުގައި ބައިވެރިވާ ގައުމެއް ނަމަވެސް ވަކި ފަރުދެއް ގޮތުގައި ދުނިޔޭގެ ލީޑަރަކަށް އޮތް އެންމެ ބޮޑު ތަރުހީބު އެންޖެލާ މާކެލް ވަނީ ހޯއްދަވާފަ އެވެ.
ދުނިޔޭގެ ލީޑަރުންނަށް އާންމުން ކުރާ އިތުބާރާއި ދޭ ތަރުހީބު ބެލުމަށް ނެގި ވޯޓެއްގައި އެންމެ ކުރީގައި އޮތީ އެންޖެލާ މާކެލް އެވެ. އެކަމަނާއަށް މިހާ ބޮޑު ތަރުހީބެއް ލިބި ވަޑައިގެންފައި ވަނީ އަންދާޒާކުރާ މީހުން ދެކޭ ގޮތުން އެކަމާނާގެ މިޒާޖުފުޅުގެ ސަބަބުންނެވެ.
މާކެލްއަކީ ބުނެވޭ ގޮތުގައި ހަމަކުއްލިއަކަށް ވަރަށް މަޖާ ވާހަކަ ދައްކަވާ ކަނބަލެކެވެ. ދުނިޔޭގެ އެހެން ލީޑާރުނާއި އާންމުނާ ވެސް މައްލަވަ ކުރައްވައި ސަމާސާ ކުރައްވާ ކަމަށް ވެއެވެ. ވަރަށް ސީރިއަސް މައްސަލަތަކުގައި ވެސް މާބޮޑު ކަމަކަށް ނުހައްދަވައި ހައްލު ހޯއްދަވަ އެވެ. ބަސް ވިދާޅުވުމުގައި މީހުންނަށް އަމާޒު ކުރުން ވަރަށް މަދު ކަމަށްވެ އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް، ޖަރުމަނާއި ފްރާންސާއި އިޓަލީ އަދި ސްޕޭންގައި ނެގި ސާވޭ ވޯޓުން ދެއްކި ގޮތުން މި ހުރިހާ ގައުމެއްގެ ވެރިންނަށް ވުރެ އެންޖެލާ މާކެލްއަށް މީހުން ދޭ ތަރުހީބު ބޮޑެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަދި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއަށް ގިނަ މީހުން ކުރަނީ ނަފުރަތެވެ.
ޖަރުމަނުގައި އާންމު އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 26 ގައެވެ. އެންޖެލާ މާކެލްއަށް ފަހު ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާ ބޭފުޅަކު މިއިންތިހާބުން ކަނޑައަޅާނެ އެވެ.
ޖަރުމަނުގައި މިހާރު ވެސް ބުނެވެނީ އެންޖެލާ މާކެލް ޗާންސެލަރުކަން ދޫކޮށްލެއްވުމުން ސިޔާސީ އޮއިވަރު ގަދަ ވާނެ ކަމަށެވެ. އަދި ހަމަނުޖެހުން ބޮޑުވެ ތަރައްގީއަށް ހުރި މަސައްކަތްތަކަށް ބުރޫ އަރާނެ ކަމަށެވެ.