ހަބަރު

އަންހެނުންނަށް އަނިޔާކޮށްގެން 100 އަށް ވުރެ ގިނަ މައްސަލަ

އަންހެނުންނަށް އެކި ޒާތުގެ އަނިޔާކޮށްގެން މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް 178 މައްސަލަ އެއް ހުށަހެޅިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބައިނަލްލަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ދުވަހާ ގުޅިގެން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންހެނުންނަށް ކުރާ އަނިޔާތަކުގެ ސަބަބުން މުޖުތަމައުގެ ދޭދޭ ފަރުދުންގެ މެދުގައި އިތުބާރު ގެއްލި، ކަންކަމުގައި އަންހެނުންގެ އިސްނެގުން މަދުވެ، އަނިޔާއާ ދެކޮޅަށް ތެދުވުމުގެ ހިތްވަރު ގެއްލިގެންދާނެ ކަމަށެވެ. އަދި މިއީ މުޖުތަމައުއަށް އޭގެ ނޭދެވޭ އަސަރު ކުރާނޭ ކަމެއް ކަމަށް ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ބުނިގޮތުގައި މިދިޔަ އަހަރުން ފެށިގެން މިއަހަރު މެއިމަހާ ހަމަޔަށް އަންހެނުންނަށް ކުރާ އަނިޔާގެ 178 މައްސަލައެއް ފުލުހުންނަށާއި ޖެންޑާއަށް ވަނީ ހުށަހަޅައިފަ އެވެ.

"..އެފަދަ އަނިޔާތަސް ހުއްޓުވޭނީ އަނިޔާވެރި އަމަލުތައް ހިނގުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރެވިގެންނެވެ. މިގޮތުން އަންހެނުންނާމެދު ދެކޭ ނޭދެވޭ ވިސްނުންތައް ބަދަލުކުރުމަށާއި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރަންޖެހެއެވެ،" އެބަޔާނުގައި އެޗްއާރްސީއެމް އިން ބުންޏެވެ.

އެޗްއާރްސީއެމް އިން ބުނި ގޮތުގައި އަންހެނުންނަށް ކުރާ އަނިޔާތަކަށް ބައިނަލްލަގުވާމީ މުއާހަދާ ސީޑޯ އިން ރާއްޖެއަށް ހުށަހަޅާފައި ހުރި ކަންތަށް ތަކުގެ ތެރެއިން ޖިންސީ ވިޔަފާރީގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ހޯދައި އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ހަރުދަނާ ނިޒާމެއް ގާއިމު ކުރަން ޖެހިފައިވާ ކަމަށެވެ. ޖިންސީ ވިޔަފާރީގައި މަސައްކަތްކުރާ އަންހެނުންގެ ދަފްތަރެއް އެކުލަވާލާ، އެފަރާތްތަކަށް ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ގާއިމު ކުރަން ކޮމިޝަނުން ގޮވާލި އެވެ.