ލ. ބަރެސްދޫގެ މަޝްރޫއު މި ސަރުކާރުން އަލުން ފަށަން ނިންމާފައިވަނީ އާ މޮޑެލް އަކަށް ކަމަށް އެމްއައިޓީޑީސީން ބުނެފި އެވެ.
އެމްއައިޓީޑީސީގެ އެމްޑީ މުހައްމަދު ރާއިދު ވިދާޅުވީ ބަރެސްދޫ މަޝްރޫއު ހިންގަން އެ ކުންފުނީގެ ކުރީގެ މެނޭޖުމަންޓުން އިންވެސްޓަރުންގެ އަތުން 3.6 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ބަރެސްދޫ އެއްވެސް ވަރަކަށް ތަރައްގީނުކޮށް މުޅިން އެހެން ބޭނުންތަކަށް އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ.
ބަރެސްދޫ އަށް ފައިސާ ދެއްކި ބައެއް މީހުން އެ ޕްރޮޖެކްޓް ކުރިއަށް ނުދާތީ ފައިސާ އަނބުރާ ހޯދަން ހުށަހަޅަމުންދާތީ ރާއިދު ވިދާޅުވީ މިހާރުގެ މެނޭޖުމަންޓަށް އޮތީ ފިނޭންސް މިނިސްޓްރީން އެ ފައިސާ ލޯނެއް ގޮތަށް ނަގައިގެން އަނބުރާ ހަވާލުކުރުން ކަމަށެވެ. ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރަނީ ކޯޓުން މައްސަލަ ނިންމުމުން ކޯޓުން ނިންމާ ގޮތަކަށް ކަމަށްވެސް ވިދާޅުވި އެވެ. އެ އުސޫލުން މިހާރުގެ މެނޭޖްމަންޓުން އެތައް ބަޔަކަށް ފައިސާ ދޫކޮށްފައި ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް ސޯޝަލް މީޑިއާގައި ވެސް ވަރަށް ގިނައިން އަމާޒުވާ ސުވާލެއް މިއީ، ކޮބައިހޭ އަހަރެމެންގެ ފައިސާ. އެ ފައިސާ ނަގައިގެން ތިބި ބަޔަކު އެބަ ތިބި ވަރަށް އަރާމުގައި ވަރަށް ދުރުގައި ބަލަހައްޓައިގެން." ރާއިދު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ބަރެސްދޫގެ އިންވެސްޓަރުންގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން "ގަނަ ތެޅެން" ޖެހެނީ މިހާރުގެ މެނޭޖްމަންޓުން ކަންވެސް ރާއީދު ފާހަގަކުރެއްވި އެވެ.
ބަރެސްދޫ މަޝްރޫއުގެ މިހާރުގެ މަސައްކަތުގެ އަޕްޑޭޓް ހިއްސާކުރައްވަމުން ރާއިދު ވިދާޅުވީ މި ޕްރޮޖެކްޓަކީ ގުދުރަތީ ގޮތް ވަކި ރަށެއްގައި ހިންގޭނެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ. ޕްރޮޖެކްޓް އަލުން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ތަފާތު ދެ އިންވެސްޓަރުންނާއި މިހާރު ވާހަކަ ދައްކަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އަލުން މި މަޝްރޫއު ފަށައިގަންނަ އިރު ކުރީގެ މޮޑެލްއާއި ތަފާތު ވާނެ ކަމަށް ރާއިދު ވިދާޅުވި އެވެ. އެއީ ޓޫރިޒަމްގެ ގާނޫނަށް ގެނައި 10 ވަނަ އިސްލާހައި އެކުގައި އެމްއައިޓީޑީސީއަށް ލިބުނު ފުރުސަތުގެ ތެރެއިން ގެންނަ ބަދަލުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
"އެއް މަސައްކަތަކީ ވިލާ ދިގު މުއްދަތަކަށް އަޅައިގެން ވިއްކުން. އެއީ ސަރުކާރުން މިހާރު ވަރަށް ބޮޑަށް ބޭނުންވާ އެއް މޮޑެލް. ބަރެސްދޫ ފަދަ ބޮޑު ރަށެއް ހަމައެކަނި ގެސްޓް ހައުސް އަޅައިގެން ވިއްކުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން" ރާއިދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްއައިޓީޑީސީން ގަސްދުކުރަނީ ފައިސާ ދައްކާފައިވާ އިންވެސްޓަރުން އަނބުރާ ފައިސާ ބޭނުންވާނަމަ ފައިސާ ހަވާލުކުރުމަށް ކަމަށެވެ. އަދި އާ މޮޑަލްއާއި އެކުގައި ކުރިއަށްދާން ކުރިން ފައިސާ ދެއްކި ބައެއް ފަރާތްތަކުން ބޭނުންވާތީ އެފަރަތާތްތަކާ އެކު ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ.