ސަރުކާރުގެ މަޝްރޫއުތައް ހިންގަން ހަވާލުވާ ފަރާތަށް ބަދަލުގެ ގޮތުގައި ރަށާއި ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭ ގޮތަށް ހަދައިފި އެވެ.
ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ހަދަން ޖެހޭ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު" ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ގެޒެޓުކޮށްފަ އެވެ.
މި ބަދަލުގެ ސަބަބުން އެއާޕޯޓް ހެދުމާއި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަން ރާއްޖެ އަންނަ ފަރާތްތަކުގެ މަންފާ އަށް ރާއްޖޭގެ ފަޅެއް ނުވަތަ ފަޅު ރަށެއް ސަރުކާރަށް ދިނުމުގެ ބާރު ލިބިގެންދާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ގަވައިދުގެ މަގުސަދަކީ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް "ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު" ދެވޭނެ އުސޫލު ބަޔާން ކުރުމެވެ.
ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް، އެ އަހަރެއްގެ ތެރޭގައި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް، އެ މަޝްރޫއެއްގެ މުގާބިލުގައި "ކްރޮސް ސަބްސިޑީ" އުސޫލުން ހިންގާ މުހިންމު މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހެ އެވެ. އަދި މި ލިސްޓުގައިވާ ރަށްތަކަށް އުނި އިތުރު ގެނައުމާއި އެ ތަންތަން ކުއްޔަށް ދިނުމުގެ ބާރު ރައީސްއަށް ދީފައިވެ އެވެ.
މި ގަވައިދާއެކު ރަށް ނުވަތަ ފަޅު ދޭ ފަރާތުން ހިންގަން ބޭނުންވާ މަޝްރޫއުގެ ތައާރަފާއި މަޝްރޫއު ހިންގުމަށް ގަސްދުކުރާ އަތޮޅާއި ރަށް ނުވަތަ ސަރަހައްދު އަދި މަޝްރޫއަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރު ކަނޑައަޅަން ޖެހެ އެވެ.
މި ގަވައިދުގައިވާ ކްރޮސް ސަބްސިޑީގެ ގޮތުގައި ތަނެއް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމާއެކު އެ ތަނެއް ހިންގުމަށް ހުއްދަ ދޫކުރެވޭ މަޝްރޫއު ނިމުމުން ނުވަތަ މަޝްރޫއު އެއްކޮށް ނިންމަން ބޭނުންވާ ޖުމުލަ ފައިސާ ދައުލަތާ ހަވާލު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ކުރީގެ ސަރުކާރުންވެސް މިފަދަ އުސޫލުތައް ހެދި އެވެ. ނަމަވެސް ފަހުން އުސޫލުން ބޭރުން ފަޅުތައް ދިނުމުގެ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. މަޝްރޫއު ހިންގާ ފަރާތްތަކަށް ފަޅު / ރަށް ދެވޭނެ އުސޫލު ހެދިއިރު ސަރުކާރުން ދާދިފަހުން ވަނީ ބިޑަކާ ނުލައި މަޝްރޫއުތައް ހިންގަން ހަވާލު ކުރެވޭނެ އުސޫލެއް ވެސް ހަދާފަ އެވެ.