އަލަށް ރިސޯޓު ހަދަން ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ބިޑްތައް އިވޭލުއޭޓްކޮށް އަންނަ ހަފުތާ ނިންމާލަން މަސައްކަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން އަވަސް އަށް ވިދާޅުވީ ބިޑްތަކުގެ އިވޭލުއޭޝަން އަންނަ ހަފުތާ ނިމޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށާ، އިވެލުއޭޓްކޮށް ނިމުމުން އެވޯޑު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
"އެއަށްފަހު އެކުއެޒިޝަން ކޮސްޓް ދައްކަން ފުރުސަތު ލިބޭނެ. އޭގެފަހުން އިނީޝިއަލް އެންވަޔަރުމަންޓް އެސެސްމަންޓް ހަދަން ފުރުސަތު ލިބޭނެ،" ހުއްސާން ވިދާޅުވި އެވެ.
މި ސަރުކާރުން ރިސޯޓު ހަދަން ހުޅުވާލި 16 ރަށު ގެ ތެރެއިން ހަތް ރަށަކަށް ނުވަ ފަރާ ތަކުން ކުރިމަތިލާފައިވެ އެވެ. މި 16 ރަށަށް 18 ބީލަން ފޮތް ގަތެވެ. މި ރަަށްތަކުގެ ތެރެއިން ނުވަ ފަރާތަކުން ހަތް ރަށަށް 13 ބީލަން ހުށަހެޅި އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި މި ރަށްތަކަށް ބޮޑު ތަރުހީބެއް ލިބުނެވެ، އެގޮތުން މި ފަހަރު މާލެއާ ދުރުގެ އަތޮޅުތަކަށް ވެސް ރަނގަޅު ރެސްޕޯންސެއް ލިބިގެން ދިޔަ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވާހަކަ ދެއްކެވި ހުއްސާން ވިދާޅުވީ ބިޑްތައް އެވޭލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ވަރަށް އިންސާފުވެރިކޮށް ކަމަށާ، މާކްސް ދެވިގެންދާނީ "ރިޓަން ޑޮކިއުމެންޓް" އަކަށް ކަމަށެވެ.
"އެހެންވެ މަކަރު ހަދައި ވަކި ބަޔަކަށް ކާމިޔާބުކޮށް ދިނުމަށް އެއްވެސް ޗާންސެއް ނޯންނާނެ. އިވޭލުއޭޝަން ކޮމެޓީގައި ޓޫރިޒަމް މިނިސްޓްރީ އާއި ފިނޭންސް އަދި އިކޮނޮމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީންވެސް ބައިވެރިވާނެ،" ހުއްސާން ވިދާޅުވި އެވެ.
ސަރުކާރުން މި ރަށްތަށް ބިޑަށް ހުށަހެޅުމަށްފަހު ވަނީ އަގުދަށްކޮށްފަ އެވެ. މި ރަށްތައް ދޫކޮށްފައި ވަނީ 30 ޕަސެންޓުގެ ޑިސްކައުންޓެއް ދީގެންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި ރަށްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ކުރިމަތި ނުލާ ރަށްތައް އިތުރަށް ދިރާސާ ކުރާނެ އެވެ.
މި އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 10 ރަށެއް ނެރޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މި ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.