ރިސޯޓު ހަދަން ހުޅުވާލައި، އަގު ހެޔޮ ކުރި 16 ރަށަށް ބީލަމަށް ހުށަހަޅަން ޓޫރިޒަމް މިނިސްޓްރީން ވަގުތު އިތުރު ކޮށްދީފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން އިންވެސްޓަރުންނަށް ދިމާވެފައިވާ ދަތުރު ކުރުމާއި ބޯޑަރު ބަންދު ކުރުންފަދަ ދަތިތަކަށް ރިޔާއަތްކޮށް، ބީލަން ހުށަހަޅަން މި މަހުގެ 10 ގެ ނިޔަލަށް ދީފައިވާ މުއްދަތު 24 ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު ބީލަން ފޮތް ގަތުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ އެންމެ ފަހުން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައެޅި 16 ބިމަކާއި ރަށެއްގެ ލޭންޑް އެކުއިޒިޝަން ކޮސްޓް ދަށް ވެސް ދާދި ފަހުން ދަށްކޮށްފަ އެވެ. ރިސޯޓު ހަދަން ސަރުކާރަށް ދައްކަން ޖެހޭ މި ފައިސާ ދަށް ކުރުމާއެކު ހުރިހާ ރަށަކާއި ބިމަކުން ވެސް އެކިއުޒިޝަން ކޮސްޓް 30 ޕަސެންޓް ކުޑަވެފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ އަގު ދަށްކުރީ މިހާރު އިންވެސްޓް ކުރަން އިންވެސްޓަރުންނަށް ދަތި ތަކެއް ހުރުމުންނެވެ. ނަމަވެސް އާއްމުކޮށް މިފަދަ ބޮޑެތި މަޝްރޫއު ތަކަށް ބިޑް ކުރުމުގެ ކުރިން ހާލަތަށް ބަލައި ދުރާލާ އަގަށް ބަދަލު ގެނެސް ބިޑު ކުރުމަކީ ދުނިޔޭގައި މިކަން ކުރާ ގޮތެވެ.
އަލަށް ރިސޯޓު ހަދަން ނެރުނު ރަށްތަކުގެ އަގު ދަށް ކުރިއިރު، މިހާތަނަށް ރިސޯޓު ހަދަން ނެރުނު ރަށްރަކަށް ލިބިފައިވަނީ ކުޑަ ތަރުހީބެކެވެ. މި ސަރުކާރުން މިހާތަނަށް ރިސޯޓު ހަދަން ހުޅުވާލާފައިވަނީ ހަތަރު ރަށެކެވެ. ނަމަވެސް މި ރަށްތަކަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތެކެވެ.
މި އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 10 ރަށެއް ނެރެން ނިންމާފައިވެ އެވެ. އަދި މި ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.