ބޮލީވުޑް

"ޕަތާން"ގައި ދީޕިކާއާ ޝާހްރުކްގެ ފުރިހަމަ ލަވައެއް

"ޕަތާން" ގެ ޕްރޮޑިއުސަރު އަދިތުޔާ ޗޯޕްޅާ އާއި ޑައިރެކްޓަރު ސިދާރްތު އާނަންދް ގުޅިގެން މީގެ ކުރިން ވަނީ "ވޯ" ކިޔާ ފިލްމެއްގެ ޖާދޫގައި ބެލުންތެރިން ޖައްސާފަ އެވެ. މިހާރު އަނެއްކާ ވެސް މިއަށްވުރެ ވެސް މޮޅު ފިލްމެއް އުފެއްދުމުގެ މަސައްކަތް މި ދެ މީހުން އެކުވެގެން ވަނީ ފަށާފަ އެވެ. ޝާހް ރުކް ޚާނާއި ދީޕިކާ ޕަދުކޯންގެ "ޕަތާން" އެވެ.

މި ފިލްމުގެ އެންމެ މުހިއްމު ބައިތައް ޝާހް ރުކާއި ދީޕިކާ ޝޫޓް ކުރާނީ ސްޕޭނުގަ އެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ލަވައެއް ވެސް ސްޕޭނުގައި ޝޫޓްކުރަން ވަނީ ހަމަޖެހިފަ އެވެ. ޝާހު ރުކާއި ދީޕިކާގެ ފަރި ހަރަކާތްތައް ހިމެނޭ މި ލަވަ ޝޫޓް ކުރަން ހަމަޖެހިފައި ވަނީ ދުވަހަކު ވެސް ހިންދީ ފިލްމަކުން ފެނިފައި ނުވާ ރީތި ތަންތަނުގައި ކަމަށް ވެއެވެ.

މި ލަވައަކީ ބެލުންތެރިންގެ ލޯތައް ތަރަތަރަ ޖަހާވަރުގެ ލަވައަކަށް ވާނެ ކަމަށް ފިލްމު ސެޓުގައި މަސައްކަތްކުރާ ބައެއް މީހުން މިހާރުއްސުރެ ދަނީ ބުނަމުންނެވެ. މި ލަވައިގެ އެންމެ މަންޒަރެއް ނަމަވެސް ލީކުވިޔަ ނުދިނުމަށްޓަކައި ވަރަށް ހާއްސަ ފިޔަވަޅުތަކެއް ލަވަ ޝޫޓްކުރާ ވަގުތު އަޅަން ވަނީ ހަމަޖެހިފަ އެވެ.

މި ލަވަ މިހާ ފުރިހަމަ އެއްޗަކަށް ހަދަން ބޭނުންވަނީ ލަވަ ރިލީޒްކުރުމާއެކު ވަގުތުން ހިޓަކަށް ވެ ރެކޯޑްތައް މުގުރާލެވޭ ވަރުގެ އެއްޗަކަށް ހަދަން ބޭނުންވާތީ އެވެ.

މި ލަވަ ޝޫޓްކުރަން ސްޕޭނުގެ ކަމާ ބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެ އެވެ.

"ޕަތާން" އަކީ ޝާހް ރުކާއި ދީޕިކާ އެކުގައި ކުޅޭ ތިން ވަނަ ފިލްމެވެ. ދީޕިކާ ބޮލީވުޑަށް ތައާރަފްވީ ފިލްމު "އޯމް ޝާންތީ އޯމް" ގެ ބަތަލަކީ ވެސް ޝާހްރުކް އެވެ. އޭގެ ފަހުން ދެ މީހުން ވަނީ "ޗެންނައި އެކްސްޕްރެސް" ކުޅެފަ އެވެ. މިއީ ވެސް ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ.