ލައިފްސްޓައިލް

ބޯޓުގައި ސިނގިރޭޓް ރޯ ކުރުމުން ޝޮކެއް

އިންޓަނޭޝަނަލް ފްލައިޓްތަކުގައި ސިނގިރޭޓް ބުއިން މިހާރު އޮންނަނީ މުޅިން މަނާ ކޮށްފަ އެވެ. އަލިފާން ގެންގުޅެން ހަދައިގެން ބޯޓުގައި ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ބިރު އޮންނާތީ އެވެ.

ނަމަވެސް ސްޕިރިޓް އެއާލައިންސްގެ ބޯޓަކަށް އެރި އަންހެނަކަށް ބޯޓު ތެރޭގައި ސިނގިރޭޓް ބުއިމަކީ މަނާ ކަމެއް ކަން އެނގުނަސް އޭނާގެ ނުރައްކާ މާ ބޮޑަކަށް އިހްސާސް ކުރެވޭ ކަމަކަށް ނުބެލެވެ އެވެ. އެމީހާ ސިނގިރޭޓް ބޮވައިގަނެފައި އިން ވަރުން ބޯޓު ނުޖައްސަނީސް ސިނގިރޭޓް ރޯ ކުރީ އެވެ. މި މަންޒަރު ފެނުނު ބައެއް މީހުން މަންޒަރު ވީޑިއޯ ކުރިއިރު އަނެއް ބަޔަކު ތިބީ ބިރުން ހަލާކުވާވަރު ވެފަ އެވެ.

އެ ވަގުތު ބޯޓުގައި އިން އެލެކްސާ މަޖްދާލަވީ ވަނީ މި މީހާ ސިނގިރޭޓް ރޯކޮށްގެން އިންދާ ނަގާފައިވާ ވީޑިއޯއެއް ޓިކްޓޮކްގައި ޝެއާ ކޮށްފަ އެވެ. އެލެކްސާ ބުނި ގޮތުގައި އެމީހާ ސިނގިރޭޓް ރޯކުރީ ބޯޓު ރަންވޭއަށް ތިރިކުރި ފަހުންނެވެ. ބޯޓު ޕާކް ކުރާނެ ތަނެއް ހޯދަން ރަންވޭގައި ދުއްވުމުގައި ގަޑިއެއްހާއިރު ހޭދަ ކުރި ކަމަށާއި އެ ވަގުތު އަންހެންމީހާއަށް ސިނގިރޭޓް ނުބޮއި ނުހުރެވިގެން ސިނގިރޭޓް ރޯކުރީހެން ހީވާ ކަމަށް މަޖްދާލަވީ ބުންޏެވެ.

މަޖްދާލަވީ ބުނީ އޭނާ ވަގުތުން ކެބިން ކުރޫންނަށް އެންގި ނަމަވެސް އެމީހުން ވަކި ފިޔަވަޅެއް ނާޅާ ކަމަށެވެ. އަދި އެމީހާ ސިނގިރޭޓް ދުން ބުރުވާތީ އުނދަގޫވާނެ އެހެން ހުސް ސީޓަކަށް ދިއުމަށް ކެބިން ކުރޫއަކު ބުނިކަމަށެވެ.

ނަމަވެސް ބޯޓު މަޑުކޮށް މީހުން ފައިބަން ފެށުމުގެ ކުރިން ލޯ އިންފޯސްމަންޓް އޮފިސަރުން އައިސް އެމީހާ ގެންދިޔަ އެވެ.