ޑެންމާކްގައި ކޮވިޑް އޮތީ ކޮންޓްރޯލް ކުރެވިފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. ހެލްތު މިނިސްޓްރީން ބުނީ ކޮވިޑާ ހެދި ގައުމު ހުއްޓުވަން ޖެހިދާނެ ކަމަށް މިހާ ހިސާބުން ނުބަލާނެ ކަމަށާއި އާދައިގެ ހާލަތާއިގެން ކުރިއަށް ދާނީ ކަމަށެވެ.
ކޮވިޑް ވެކްސިން ދިނުމުގައި ޑެންމާކު އުޅެނީ ވަރަށް ކުރީގައި ކަމަށާއި ކޮވިޑާ ގުޅިގެން އަޅާފައި ހުރި ހާއްސަ ފިޔަވަޅުތައް ސެޕްޓެމްބަރު 10 އަކުން ފެށިގެން އުވާލާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ޑެންމާކްގެ ހެލްތު މިނިސްޓްރީން ބުނީ ސެޕްޓެމްބަރުގައި ކޮވިޑް އުސޫލުތައް ދޫކޮށްލުމުން ކޮވިޑް ފާހާއި ނުލައި ހުރިހާ ތަނަކަށް ދެވޭނެ ކަމަށާއި މާސްކް ނާޅައި އުޅަނަސް ރަނގަޅު ވާނެ ކަމަށެވެ. އެ ގައުމުގައި މާސްކް އެޅުމަކީ މިހާރު ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ.
ކޮވިޑް ވެކްސިން ދިނުމުގައި ޑެންމާކު ވަރަށް ބޮޑު ކާމިޔާބެއް ވަނީ ހޯދާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން 12 އަހަރުން މަތީގެ 80 ޕަސެންޓަށް ވެކްސިން ވަނީ ދީފަ އެވެ.
ޑެންމާކުން ބުނީ ކޮވިޑް ގަވާއިދުތައް ލުއި ކުރި ނަމަވެސް ކޮވިޑަކީ ނެތް ރޯގާއެއް ކަމަށް ނުބަލާނެ ކަމަށާއި ބަލާނީ ކޮވިޑާއެކު އުޅެވޭތޯ ކަމަށެވެ. އަދި އުންމީދުކުރާ ގޮތް ނޫން ގޮތަކަށް ހާލަތު ބަދަލުވެއްޖެ ނަމަ އިހު އޮތް ގަވާއިދުތަކަށް އަމަލު ކުރަން ފަށާނީ ކަމަށެވެ.