އޮލިމްޕަހުގެ މަރާމާތުގެ މަސައްކަތްތައް ނިންމާލުމަށް ފަހު އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އާޓްސް މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑް-19 އިގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން އޮލިމްޕަސް ބަންދުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.
އާޓްސް މިނިސްޓްރީން ބުނި ގޮތުގައި އޮލިމްޕަހުގެ މަރާމާތުގެ މައިގަނޑު މަސައްކަތަކީ ފެން ލީކްވާ ބައެއް ޝީޓްތަގެ މައްސަލަ ހައްލު ކުރުމާއި ބައެއް ފާރުތަކުގެ ކޮންކްރީޓް މަސައްކަތްތަކެއް ކުރުމެވެ. އެމަސައްކަތުގެ ބޮޑު ބައި މިހާރު ނިމިއްޖެ އެވެ.
މީގެ އިތުރުން އޮލިމްޕަހުގެ ޓެރަހަށް ލިބިފައި ހުރި ބައެއް ގެއްލުންތައް މަރާމާތުކޮށް ބެކްސްްޓޭޖުގެ ސީލިން ބަދަލު ކުރުމާއެކު އާ ފާހާނާ ބަރިއެއް ވެސް މިހާރު ވަނީ ހަދާފަ އެވެ. އާ ފާހާނާ ބަރީގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ފާހާނާއެއް ހިމެނެ އެވެ.
މިހާރު އޮލިމްޕަހުގެ ހުރިހާ ހިސާބެއްގައި ވީލްޗެއާ ބޭނުން ކުރެވޭނެ އެވެ.