ޓޫރިޒަމް

ޓޫރިޒަމް މިނިސްޓްރީން ފެނުނީ މާމުއި ފުޅިތަކެއް

ސަރުކާރުގެ އޮފީސްއް ހުންނަ ވެލާނާގޭގައި ޓޫރިޒަމް މިނިސްޓްރީ ހިންގާ އޮފީހުން ފެނުނު ގޮތް ނޭނގޭ އެއްޗަކީ މާމުއި ފުޅިތަކެއްކަން އަވަސްއަށް އެނގިއްޖެ އެވެ.

ގޮތް ނޭނގޭ އެއްޗެއް ފެނިގެން މިނިސްޓްރީން ރިޕޯޓް ކުރުމާއެކު އެއީ ނުރައްކާތެރި އެއްޗެއްތޯ ބަލަން އެމްއެންޑީއެފްގެ ބޮން ސްކޮޑުން ވެސް މިއަދު ހަރަކާތްތެރިވި އެވެ. ނަމަވެސް އަވަސްއަށް އެނގިފައިވާ ގޮތުގައި މިނިސްޓްރީން ފެނުނީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމަށް ފޮނުވާފައިވާ މާމުއި ފުޅިތަކެކެވެ.

ގޮތް ނޭނގޭ އެއްޗެއް މިނިސްޓްރީން ފެނިގެން އެކަން އެމްއެންޑީއެފްގެ ސަމާލު ކަމަށް އެކަން ދިއުމާއެކު އެ އިދާރާއިން ވަނީ އޮފީސްތަކަށް ގެންދާ ގޮތް ނޭނގޭ އެއްޗަކާ އެއްވެސް ފަރާތަކުން ހަވާލު ނުވުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

ދާދިފަހުން ސުޕްރީމް ކޯޓު ދޮރުމަތިން ރިމޯޓް ކާރެއް ފެނިގެން ވެސް އެއީ ނުރައްކާތެރި އެއްޗެއްތޯ ބަލަން އެމްއެންޑީއެފުން ހަރަކާތްތެރިވެފައި ވެއެވެ. އަދި އޭގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ މުލިއާގެ ގޮއްވާލާނެ ކަމަށް ބަޔަކު ބުނުމުން އެތަނުގައި ވެސް ބޮން ސްކޮޑުން ހަރަކާތްތެރިވެ ދެ މީހަކު ހައްޔަރު ކުރި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް "ހައެއް ފަހެއް" ގައި ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ޓެރަރިސްޓް ހަމަލާއެއް ދީފާނެތީ ސަލާމަތީ ބާރުތަކުން ތިބެނީ ވަރަށް ބޮޑަށް ފާރަވެރި ވެގެނެވެ.