ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ މައްސަލައިގައި އިޖުރާއީ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވައިފި

Nov 25, 2015
1

ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމުގެ އިޖުރާއީ އަޑުއެހުމެއް އެ ކޯޓުގައި މިއަދު ބާއްވައިފަ އެވެ. އެ ކޯޓުގެ ޝެޑިއުލްގައިވާ ގޮތުގައި މިއަދު މެންދުރު 1:30ގައި އެ މަޖިލިސް ވަނީ ބާއްވައިފަ އެވެ.

އެ މަޖިލިސް އެގޮތަށް ބޭއްވިކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) އިން ވަނީ އެ ޑިޕާޓްމަންޓުން ކުރި ޓްވީޓެއް މެދުވެރިކޮށް ޔަގީންކޮށްދީފަ އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.


އެ އަޑުއެހުމާ ބެހޭ އެއްވެސް މައުލޫމާތެއް ނަޝީދުގެ ލޯޔަރުންގެ ޓީމަށް އެ ކޯޓުން ވެސް އަދި ޕީޖީ ވެސް ހިއްސާކޮށްފައި ނެތް ކަމަށް ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ލޯޔަރު ހިސާން ހުސެން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވީ ޕީޖީގެ ލޯޔަރުން އެކަނި ކަމަށް އެނގިފައިވާ ކަމަށެވެ. އަދި ނަޝީދުގެ ލޯޔަރުން ނުހިމަނާ އެފަދަ މަޖިލީހެއް ސުޕްރީމް ކޯޓުން ބޭއްވުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންގެ ޓީމުން އެކަމުގައި ބައްދަލު ކޮށް މަޝްވަރާ ކުރާނަން،" ހިސާން ވިދާޅުވި އެވެ.