ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ފަނޑިޔާރު އަލީ އާދަމް ވާހަކަ ދައްކަވާ އޯޑިއޯއެއްވެސް އާންމުކޮށްފި އެވެ. މީގެ ކުރީން އެ ބެންޗުގައި ތިއްބެވި ދެ ފަނޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯއެއްވެސް ވަނީ އާންމުކޮށްފައެވެ. އެއީ ގާޒީ ހުސައިން ފާއިޒު އާއި ގާޒީ މުހައްމަދު ސަމީރު އެވެ.
އާންމުކޮށްފައިވާ އޯޑިއޯގައި އަލީ އާދަމް، ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާ އަޑު އިވެއެވެ. އަލީ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް އިއްވި ހުކުމްގައި އޮތް އެއްޗެއްވެސް އޭނާއަށް އެނގިވަޑައިނުގަންނަވައެވެ. އަދި މައްސަލަ ހިންގެވި ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަމަށެވެ.
އަދި އޭނާއާ ބައްދަލުކުރެއްވި ސަރުކާރުގެ އިސް ބޭފުޅަކު ގާޒީ އަލީ ރަޝީދު (މައްސަލަ ބެއްލެވި އިސް ފަނޑިޔާރު) އާއެކު ބެންޗުގައި އިންނެވުމަށާއި އެއްވެސް ވާހަކަ އެއް ދައްކަވާނެ ކަމެއް ނެތް ކަމަށް ވިދާޅުވި ކަމަށެވެ. އަދި މައްސަލަ މުޅީންހެން ކުރިއަށް ގެންދަވާނީ އަލީ ރަޝީދު ކަމަށް އޭނާ އެންގެވި ކަމަށެވެ.
"އަޅުގަނޑު އިނީ ބެންޗުގައި، އެ ބޭފުޅުން ދެންނެވި ގޮތަށް. އަޅުގަނޑަށް ހަގީގަތުގައި ނޭންގެ އޭގައި [ރައީސް ޔާމީނަށް އިއްވި ހުކުމް] އޮތީ ކޮން އެއްޗެއް ކަމެއްވެސް،" އާންމުވެފައިވާ އޯޑިއޯގައި އަލީ އާދަމް ވިދާޅުވާ އަޑުއިވެއެވެ.
އޯޑިއޯއިން އެނގޭގޮތުން ހުކުމް ކުރުމުގެ ކުރީންވެސް ގާޒީ އަލީ ރަޝީދަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ލިބިވަޑައިގަންނަވާނެ ކަން އޮތީ އެނގިފައެވެ. އެ މޭރުމުން އަލީ އާދަމް ވާހަކަ ދައްކަވައެވެ. އަދި އަލީ އާދަމަށް ކްރިމިނަަލް ކޯޓްގެ ހިންގުން ހަވާލު ކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އަލީ ރަޝީދު ވިދާޅުވެފައިވާ ކަމަށްވެސް އަލީ އާދަމް ވިދާޅުވެފައެވެ. ނަމަވެސް އެކަން އޭނާއަށް ހަމަޖައްސަަވައިނުދެއްވި ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ކުރު މުއްދަތެއްގެ ގޮތުގައި އަލީ ރަޝީދު، ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން ވަނީ ފާހަގަކުރައްވާފައެވެ.