ދުނިޔެ

ކާބުލްއިން އިވުނީ އައިސިސްއަށް ހަމަލާދިން އަޑު

ކާބުލް އެއާޕޯޓާ މާދުރުނޫން ހިސާބެއްގައި ބާރުގަދަ އެއްޗެއް ގޮވައި މުޅި ސަރަހައްދު ގުގުންވެއްޖެ އެވެ. މިއަޑުފަށްގަނޑު އިވުނު ކަމަށް ގިނަ ބަޔަކު ހީކުރީ މިދިއަ ބުރާސްފަތި ދުވަހު އައިސިސްކޭ ޖާމައަތުން ޖާނު ގޮއްވާލައި 170 މީހުން މަރާލި ތަނުން ކަމަށެވެ. މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެމެރިކާގެ 13 ސިފައިން ހިމެނެ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުން ކާބުލް އެއާޕޯޓް ސަރަހައްދުން އާދީއްތަ ދުވަހު އިވުނު ގަދަފަދަ އަޑަކީ އެމެރިކާ ސިފައިން އައިސިސްކޭ ޖަމާއަތަށް ނިސްބަތްވާ ބަޔަކަށް ދިން ހަމަލާއެއްގެ އަޑެވެ. އެއީ އައިސިސްކޭއިން ކާބުލް އެއާބޯޓަށް ވަދެގަންނަން ދުއްވާފައި ދިއަ ކާރަކަށް ދިން ރޮކެޓް ހަމަލާއެއް ކަމަށެވެ.

އައިސިސްކޭ ހަނގުރާމަވެރިން މަސައްކަތްކުރި ކަމަށް ވަނީ ގޮވާތަކެތިން ކާރެއް ބަރާކޮށް އެއާޕޯޓް ސަރަހައްދުގައި އެއްވެ ތިބި މީހުންގެ ތެރެއަށް ވަދެގަނެ ގޮއްވާލަން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެ އެވެ.

"އަހަރެމެންނަށް ޔަގީން ކާރަށް ހަމަލާދެވުނުކަން،" ޔޫއެސް ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާން ކެޕްޓަން ބިލް އާބަން ވިދާޅުވި އެވެ. "ދެވަނަ ގޮވުމެއް ގޮތުގައި އިވުނީ ކާރު ގޮވިއަޑު" އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން އައިސިސްކޭ ހަނގުރާމަވެރިންނަށް ދިން ހަމަލާގައި އާންމުންގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް އަދި ނޭނގެ އެވެ. އެމެރިކާ ސިފައިން ބުނީ މީހަކަށް ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

އެމެރިކާ ސިފައިން ބުނި ގޮތުން އާންމުންގެ މީހަކަށް ގެއްލުމެއް ލިބުނުތޯ ބަލާނެ އެވެ. އަދި ތަފުސީލު ފަހުން ހާމަކުރާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކާބުލްގައި އާންމުން ދިރިއުޅޭ ހިސާބަކަށް އެމެރިކާ ސިފައިން ދިން ރޮކެޓް ހަމަލާގައި ހަމީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ހަތަރު ކުދިން ވެސް ހިމެނެެ އެވެ. އަދި އިތުރު ބަޔަކަށް ގެއްލުން ލިބުނު ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރިން ވިދާޅުވި ގޮތުން ދެތިން ދުވަހުގެ ތެރޭގައި ކާބުލްއަށް އިތުރު ހަމަލާއެއް ދޭނެ ކަމަށް ކޮމާންޑަރުން އޮތީ އޭނާއަށް ކުރިއާލައި އަންގާފަ އެވެ.