ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ރަޝީދު އެ ކޯޓްގެ ފަނޑިޔާރަކަށް ހަމަޖެހިގެން ދިއުމަކީ އިއްތިފާގެއް ނޫން ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.
ހައިލަމް މިހެން ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް އިއްވެވި ފަނޑިޔާރު އަލީ ރަޝީދު ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ހަަމަޖެހުމަކީ އިއްތިފާގަކުން ވީ ކަމެއް ކަމަށް ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވިދާޅުވުމާއި ގުޅިގެންނެވެ. ހައިލަމްްގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމުގައި ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގެ ހުކުމްކުރުން ނޮވެންބަރު 5، 2019 ދުވަހަށް ތާވަލުކުރެވިފައިވަނިކޮށް އެދުވަހު ޖޭއެސްސީން އޭނާ ސަސްޕެންޑްކޮށް ކޯޓު ހިންގުން އަލީ ރަޝީދާ ހަވާލުކުރުމުން ޖެހިގެންއައި ދުވަހު ރައީސް ޔާމީންގެ މައްސަލަ ހައިލަމްގެ ސެކްޝަނުން ނެގުމަށްފަހު މައްސަލައިގެ ހުކުމް ކުރުމުގެ މަސައްކަތް އަލީ ރަޝީދު ފެއްޓެވި ކަމަށެވެ.
އަދި ރައީސް ޔާމީންގެ މައްސަލަ އޭނާގެ އަތުން އަލީ ރަޝީދު ނަގަން ޖެހުނު ގާނޫނީ އަސާސެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާ ކަމަށެވެ. ނަމަވެސް ގާނޫނުގެ އެ މާއްދާ ރަނގަޅަށް ކިޔައިލުމުން ސާފުވެގެންދާނެ އެންމެ މުހިންމު އެއް ކަމަކީ ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއް އެ މާއްދާގެ ދަށުން ނެގޭނީ ފަނޑިޔާރު އެ މައްސަލަ ބެލުމަށް ދާއިމީ ސިފައެއްގައި ނުކުޅެދޭފަދަ ހާލަތެއް ނުވަތަ ސަބަބެއް މެދުވެރިވެގެންކަން ހައިލަމް ފާހަގަކުރެއްވިއެވެ.
".. އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކަކީ ފަނޑިޔާރަކު ބަލިވުން؛ މަރުވުން؛ ފަނޑިޔާރުގެ މަގާމުގެ ދައުރު ހަމަވުން، ޝަރީއަތެއް ފެށުމުގެ ކުރިން މެދުވެރިވެފައިނުވާ ނުވަތަ އެނގިފައިނުވާ އެ ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް މެދުވެރިވުމުގެ ސަބަބުން އެ ޝަރީއަތެއް ހިންގުމަށް ފަނޑިޔާރު ނުކުޅެދުން؛ ނުވަތަ ޝަރީއަތެއް ހިންގުމަށް އެ ނޫންވެސް ގޮތަކުން ނުކުޅެދުމެވެ. އިސްވެ ބަޔާންކުރެވުނު ހާލަތްތަކާމެދު ފުންކޮށް ވިސްނާލުމުން ދޭހަވަނީ އެ ހާލަތްތަކުގެ ތެރެއިން ބަލިވުން ފިޔަވައި ދެން ބަޔާންކުރެވުނު ހުރިހާ ހާލަތްތަކަކީވެސް ފަނޑިޔާރު މައްސަލަ ބެލުމަށް ދާއިމީ ސިފައެއްގައި ހުރަސް އެޅިގެންދާނޭ ހާލަތްތަކެއް ކަމެވެ. ވީއިރު ބަލިވުން ފިޔަވައި އެ މާއްދާގައި ބަޔާންކުރެވުނު އެހެން ހާލަތްތަކުގެ ތަބީއަތައް ބެލުމުން މުޝައްރިއުގެ ވިސްނުމަކީ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހަކަށް ވެދާނޭފަދަ ބައްޔެއް ފަނޑިޔާރު ވުންކަން އެނގެއެވެ،"
ހައިލަމް ވިދާޅުވީ ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ސަސްޕެންޑްކުރުމަކީ އެ ފަނޑިޔާރު ބަލަމުންދިޔަ މައްސަލަތައް ބެލުމަށް ދިމާވާ ދާއިމީ ހުރަހެއް ނޫން ކަމަށާ ސަބަބަކީ ސުލޫކީ މައްސަލަ ސާބިތުވާނެކަން ނުވަތަ ސާބިތުވިޔަސް މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާނެކަން އެއްވެސް މީހަކަށް ނޭނގޭނެތީ އެވެ.
"..ނޫނީ އަޅުގަނޑު މަގާމުން ވަކިކުރެވޭނެކަން ޖޭއެސްސީން އަލީ ރަޝީދަށް ކުރިން އެންގެވީތޯއެވެ؟ ޖިނާއީ މައްސަލައެއްގައި ހުލާސާ ބަޔާން އިއްވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލާގައި ހުކުމެއް ކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 151 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާތީ ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި ހުކުމްކުރުމުގެ ހެޔޮނިޔަތުގައި ރައީސް ޔާމީންގެ މައްސަލަ އަޅުގަނޑުގެ ސެކްޝަނުން ނެގީ ކަމަށް އަލީ ރަޝީދު ވިދާޅުވާނަމަ ހުލާސާ ބަޔާން ހުށަހެޅުމަށްފަހު 30 ދުވަސް ތެރޭގައި ހުކުމް ކުރަންޖެހޭ އެތައް މައްސަލައެއް އަޅުގަނޑުގެ ސެކްޝަންގައި އޮއްވާ އެތަނުން ހަމަ އެކަނި ރައީސް ޔާމީންގެ މައްސަލަ އަލީ ރަޝީދު ނަގަންޖެހުނު ސަބަބަކީ ކޮބައިތޯއެވެ؟ ރައީސް ޔާމީންގެ މައްސަލަ ނެގިއިރު ރައީސް ޔާމީންގެ މައްޗަށް ދައުވާކުރެވުނު މައްސަލާގައި ހިމެނޭ އާޒިމާ ޝަކޫރުގެ ދައުވާ ނުނެގީ ކީއްވެގެންތޯއެވެ؟ އެއީ އެއް މައްސަލައަކާ ގުޅިގެން އެކުއެކީގައި ދައުވާ ކުރެވުނު ދެ މައްސަލަކަން އަލީ ރަޝީދަށް ނޭނގުނީ ހެއްޔެވެ؟،" ހައިލަމް ލިޔުއްވާފައިވެއެވެ.
އަދި ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހިންގުން އަލީ ރަޝީދާ ހަވާލުކުރެވުނުއިރު ވެސް އަލީ ރަޝީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާފައިވުމުން އޭނާއަކީ މަގާމުގެ ކުރިއެރުމަކަށް ކެތްމަދުވެފައިވާ ފަނޑިޔާރެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ކަމުން ކިތަންމެ ހަރުއަޑުން ބަޔަކު ބުނިކަމުގައި ވީނަމަވެސް އިދިކޮޅު ސިޔާސީ ލީޑަރެއްގެ ގޮތުގައި ހުރި ބޭފުޅެއްގެ ޝަރީއަތް އަވަސްއަރުވާލައިގެން ކުރިއަށް ގެންދިޔަ ފަނޑިޔާރަކަށް ސުޕްރީމް ކޯޓުގެ ގޮނޑި ލިބުނީ އިއްތިފާގަކުން ނޫންކަން އޭނާ އެ ގޮނޑީއަށް އެެރުވި މީހުން ނޫން އެންމެން ގަބޫލުކުރާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ.