އިއުތިރާފުގެ އެއްބަސްވުމަކީ އިއުތިރާފުވާ މީހާއާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކޮށް ލީގަލް އިމިއުނިޓީ ދިނުމުގެ ބާރު ގާނޫނުން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އަށް ލިބިދެވޭ މަފްހޫމެއް ނޫން ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.
ހައިލަމް މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފް ކުންފުންޏަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ދައުލަތު ބުނުމާއި ގުޅިގެންނެވެ. ދައުލަތުން އެކަން ހާމަކޮށްފައިވަނީ މިއަދު ސުޕްރީމް ކޯޓްގައި އޮތް ޝަރީއަތެއްގައެވެ.
ހައިލަމް ވިދާޅުވީ އިއުތިރާފުގެ އެއްބަސްވުމަކީ އިއުތިރާފުވާ މީހާއާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކޮށް ލީގަލް އިމިއުނިޓީ ދިނުމުގެ ބާރު ގާނޫނުން ޕީޖީ އަށް ލިބިދެވޭ މަފްހޫމެއް ނޫން ކަމަށެވެ. އިއުތިރާފުގެ އެއްބަސްވުން ހެދޭނީ ހަމަ އެކަނި ވަކި ދައުވާއެއް ކުރުމަށް ނުވަތަ ކޮށްފައިވާ ބައެއް ދައުވާތައް އަނބުރާ ގެނައުމަށް ނުވަތަ ކުށުގެ އަދަބު ލުއި ކޮށްދިނުމަށް ކަމަށް ހައިލަމް ވިދާޅުވިއެވެ.
ގާނޫނުގައި އެކަން ބަޔާންކޮށްފައިވާ މާއްދާވެސް ހައިލަމް ވަނީ ހިއްސާކޮށްފައެވެ.
"މީހަކާ ދެކޮޅަށް ތަހުގީގުގައި ހެކި ލިބިފައިވުމަކީ އެމީހާ އަތުގައި އެހެން މީހަކާ ދެކޮޅަށް ހުރި ހެކި ބޭނުންކޮށްގެން އިއުތިރާފުގެ އެއްބަސްވުމެއްގެ ތެރެއިން ލީގަލް އިމިއުނިޓީ ހޯދޭނެ ކަމެއްް ނޫން. އިއުތިރާފުގެ އެއްބަސްވުމަކީ ތުހުމަތުކުރެވޭ މީހާ އިސްލާހުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ގާނޫނުގައި ބަޔާންކުރެވިފައިވާ ބާބެއް،" ހައިލަމް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާތައް ޖަމާކޮށް އެކި މީސްމީހުންނަށް ބަހާފައި ވަނީ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށެވެ. މިކަމުގައި އެސްއޯއެފް ކުންފުނީގެ މީހުން ވެސް ވަނީ ޝާމިލްވެފަ އެވެ.
އެސްއޯއެފްގައި އިސްކޮށް އުޅުނު މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ގާތް މީހުން ކަމަށްވާ މުހައްމަދު ހުސައިން (އޮއިއްޓޭ) އަދި އަހްމަދު އިޝްފާހު އަލީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. ނަމަވެސް އެ ނޯޓިސް ފަހުން ވަނީ ބާތިލްކޮށްފަ އެވެ. އެމީހުން އަދިވެސް ދިރިއުޅެމުން ދަނީ ރާއްޖެއިން ބޭރުގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ކުށުގެ އިސްތިއުނާފީ ޝަރީއަތުގައި މިއަދު ފަނޑިޔާރުން ވަނީ ދެފަރާތާވެސް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ދައުލަތަށް ގިނަ ސުވާލުތަކެއް އަމާޒުކޮށްފަ އެވެ. އެގޮތުން އެސްއޯއެފްގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގައި ދައުވާއެއް ކުރެވުނުތޯ އާއި އެ ކުންފުނީގެ އެކައުންޓްގައި ހުރީ ހަމައެކަނި އެމްއެމްޕީއާރްސީގެ ފައިސާތޯ އެއްސެވި އެވެ.
ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ނައުފަލް ވިދާޅުވީ އެސްއޯއެފްގެ މައްޗަށް ދައުލަތުން ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. ސަބަބަކީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން މިހާރު ދައުވާ ކޮށްފައިވާ އަދި ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އެމީހުންގެ އެއްބާރުލުން ބޭނުންވާތީ ކަމަށެވެ. ހިޔާނާތުގެ ފައިސާގެ ތެރެއިން ފެންނަން އޮތީ ޗެކުތައް މެދުވެރިކޮށް ޖަމާކޮށްފައިވާ ފައިސާ އެކަނި ކަމަށް ނައުފަލް ވިދާޅުވި އެވެ.
މި މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރިއިރު އެމީހުން ރާއްޖޭގައި ނެތްކަން ފާހަގަކުރައްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ 2019 ވަނަ އަހަރު އެސްއޯއެފް ކުންފުނީގެ ދެ މީހެއްގެ ބަޔާން ނެގި ކަމަށެވެ. އޭރު ދަށު ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު ހެކީގެ ގޮތުގައި އެ ބަޔާންތައް ހުށަހެޅި ނަމަވެސް ދަށު ކޯޓުން ބަލައިގެންފައި ނުވާ ކަމަށެވެ.
ދައުލަތުން އިތުރަށް ފާހަގަކޮށްފައި ވަނީ އެސްއޯއެފް އަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ފައިސާ ބަންޑަލް ކުރުމަށް ގެންގުޅުނު ހަތިޔާރެއް ކަމަށެވެ.