ޝަރުއީ ދާއިރާ

އަލީ ޒާހިރު ނުފޫޒު ފޯރުވި: ކުރީގެ ފަނޑިޔާރުން

ފަނޑިޔާރު ކަމުގައި މަސައްކަތް ކުރެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގުޅުއްވާ މައްސަލަތައް ވަކި ގޮތަކަށް ނިންމަންވަން އަންގަވާ ނުފޫޒު ފޯރުވި ކަމަށް ހައި ކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވިދާޅުވެއްޖެ އެވެ.

ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިހާރު ވަނީ އާންމުވެފަ އެވެ. އެ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފަ އެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ. އަދި އެ ފަނޑިޔާރުންނަށް ގުޅުއްވާ ކަންކުރަންވީ ގޮތް އަންގަވަނީ އަލީ ޒާހިރެވެ.

އެ އޯޑިއޯތަކުގެ މައްސަލައާ ގުޅިގެން އަދި ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން ގުޅިގެން މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އަލީ ޒާހިރު، ފަނޑިޔާރުންނަަަށް ގުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ވިދާޅުވިއެވެ.

"އަލީ ޒާހިރު އަޅުގަނޑާއިވެސް ގުޅުއްވިއޭ. ހައިކޯޓްގެ ބައެއް މައްސަލަތަކާއި ގުޅޭގޮތުން އަޅުގަނޑާ އެކި ފަހަރު މަތިން... އެއްދުވަސް، ދެ ދުވަސް ތިން ދުވަސް ކީއްކުރަންތޯ ވަރަށް ގިނަ ފަަހަރު އަޅުގަނޑާ ގުޅުއްވި. އެކަމާއި އަޅުގަނޑު ހިތްހަމަނުޖެހިގެން އަޅުގަނޑުގެ ލީގަލް އޮފިސަރާއި ދިމާއަށް މިހެން ފޯނުވެސް އެއްލާލިން، މިބޭފުޅުންނޭ މީގެ ކުރީން ތިމަންނަމެން ނުފޫޒު ނުފޯރުވާނަމޭ، މައްސަލަތަކާއި ނުބެހޭނެމޭ، ޖުޑީޝަރީ މިނިވަން ކުރަންވާނަމޭ ވިދާޅުވި ބޭފުޅުންނޭ މިއަދު މައްސަލަތަކާއި ގުޅިގެން މި ގުޅުއްވަނީ،" މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމުމުން އިސްތިއުފާދެއްވި ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ސިޔާސީ ނުފޫޒު ވަދެފައިވަނީ އިންތިހާއަށް ކަަމަށާ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ކޯޓްތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް އަލީ ޒާހިރު ގުޅުއްވަނީ ސީދާ ރައީސް ސޯލިހް އަންގަވައިގެން ކަމަށް އޭނާ ވިދާޅުވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

"އަލީ ޒާހިރު އަޅުގަނޑާ ގުޅުއްވާއިރު އެބަ ވިދާޅުވޭ ސީދާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއޭ މިވެނި މައްސަލައެއްގެ ވާހަކަ. ފަނޑިޔާރޭ، މިވެނި ގޮތަކަށް މި ގެންދާށޭ. އަޅުގަނޑަށް ކެރޭ އަލީ ޒާހިރު ވަޑައިގަންނަވާ އަޅުގަނޑާ އެކީގައި މި ވާހަކަތައް ކަށަވަރު ކުރުމަށްޓަކައި،"

އަލީ ޒާހިރު އަޅުގަނޑާއިވެސް ގުޅުއްވިއޭ. ހައިކޯޓްގެ ބައެއް މައްސަލަތަކާއި ގުޅޭގޮތުން އަޅުގަނޑާ އެކި ފަހަރު މަތިން... އެއްދުވަސް، ދެ ދުވަސް ތިން ދުވަސް ކީއްކުރަންތޯ ވަރަށް ގިނަ ފަަހަރު އަޅުގަނޑާ ގުޅުއްވި. އަލީ ޒާހިރު އަޅުގަނޑާ ގުޅުއްވާއިރު އެބަ ވިދާޅުވޭ ސީދާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއޭ މިވެނި މައްސަލައެއްގެ ވާހަކަ. ފަނޑިޔާރޭ، މިވެނި ގޮތަކަށް މި ގެންދާށޭ. އަޅުގަނޑަށް ކެރޭ އަލީ ޒާހިރު ވަޑައިގަންނަވާ އަޅުގަނޑާ އެކީގައި މި ވާހަކަތައް ކަށަވަރު ކުރުމަށްޓަކައި
ޝުޖާއު އުސްމާން | ހައިކޯޓްގެ ކުރީގެ އިސް ފަނޑިޔާރު

ނޫސްވެރިންގެ ބައްދަލްވުމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވަނީ އެންމެ އަދުލްވެރި ހުކުމެއް ނޫން ކަމަށެވެ. އަދި އެކަން މިހާރު އާންމުވެފައިވާ އޯޑިތަކުން އިތުރަށް ކަށަވަރުވާ ކަމަށެވެ.

ނަޖީބު ވިދާޅުވީ ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ފޯރާފައި އޮތް މިންވަރު ގާތުން ފެނިވަޑައިގެންނެވި ކަމަށާ އެކަން ތަޖުރިބާވެސް ކުރެއްވުނު ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ފުރަތަމަ ބެއްލެވި ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމްއާއެކު ދެކެވުނު ބައެއް ވާހަކަތައް ހިއްސާ ކުރެއްވިއެވެ.

"އަޅުގަނޑަކީ އެކަން [ޔާމީންގެ ޝަރީއަތް ނުފޫޒު ފޯރުވުން] ގާތުން ދުން މީހެއް. އެންމެ ފުރަތަމަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަލްއުސްތާޛު އަހުމަދު ހައިލަމް. އަހުމަދު ހައިލަމް އެ މައްސަލަ ބެއްލެވިއިރުގައި އަޅުގަނޑާއި އަހުމަދު ހައިލަމްއާ ދެމެދު ދެކެވޭ ވާހަކަތައް އަޅުގަނޑު ހަނދުމަނުނެތޭ. އެއް ދުވަހެއްގައި އަޅުގަނޑު ކޮޓަރީގައި އިންދާ ހައިލަމް އަޅުގަނޑުގެ ކޮޓަރިއަށް ވެންނެވި. އޭރު ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބައްލަވަނީ ހައިލަމް ފަނޑިޔާރު. އަޅުގަނޑު ދެންނެވިން ހައިލަމްއޭ ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ މަގާމަށް ހުސްނުއްސުއޫދު ހަމަޖެހޭ ހަބަރު އެބަ އިވެއޭ. އާދެ، ތެދަށް މި ދަންނަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ސިޔާސީ މަަންފާއެއް އަދި އަމިއްލަ ފައިދާއެއްނެތި މި ވާހަކަ މި ދައްކަނީ މި މުޖްތަމައުއަށް މި ވާހަކަ ބޭނުންވާނެތީ،" މަގާމުން ދުރުކުރަން ނިންމުމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވެވި ނަޖީބު ވިދާޅުވިއެވެ.

"ހައިލަމް ވަގުތުން ގުޅީ ރަައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ ޒާހިރަށް. އަލީ ޒާހިރަށް ގުޅުވުމުން އެއް މިނެޓް ނުވަނީސް އަލީ ޒާހިރު އަނެއްކާ ހަައިލަމަށް ގުޅުއްވަނީ. ހައިލަމަށް ގުޅުއްވީމަ ހައިލަމްގެ ފޯނު ސްޕީކަރަށް ލެއްވީ. ސްޕީކަރަށް ލައްވާފައި އަޅުގަނޑަށް އަޑުއިއްވަނީ، އަލީ ޒާހިރުގެ ކައިރީގައި ހައިލަމް މި ދަންނަވަނީވެސް އަލީ ޒާހިރެކޭ ނޫން، އަލިޕީއޭ ބުނީ. އަލިޕީއޭ މި ދެކެވެނީ ކޮން ވާހަކައެއްހޭ. ދެން އެ ކޮޅުން ވާހަކަ ދެއްކީ އަލީ ޒާހިރު. ވިދާޅުވީ ކިހިނެތްތޯއޭވީ. ބުނީމަ ބުނީ ހުސްނުއްސުއޫދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެބަ އައްޔަން ކުރޭ ނޫންހޭ. ލާހިކެއް ނޫނޭ އެއްވެސް ކަމެއް ތިމަންނާގެ ފަރާތުން ވާކަށް. މި ހަމަ ހަގީގަތް، ﷲއަށްޓަކައި ހަދާ ތެދެއް މީ. ބުނީމަ އަލީ ޒާހިރު ދަންނަވަނީ ހައިލަމް ހާސްވެވަޑައިނުގަންނަވާށޭ. ހައިލަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަށަވަރުވެފައޭ އޮތީ ޖާގަ. މިއީ ހަގީގަތް. ހަމަ ސީދާ އަޅުގަނޑަށް އަޑުއިއްވި،"

ނަޖީބު ވިދާޅުވީ ހައިލަމަށްވެސް އަދި އަލީ ޒާހިރަށްވެސް އެ ވާހަކަތަކާއި ދެކޮޅު ނުހެއްދެވޭނެ ކަމަށެވެ.

އޭގެ ފަހުން ނަޖީބު ވަނީ ރައީސް ޔާމީނަށް ހުކުމް އިއްވެވި ބެންޗުގެ އިސް ފަނޑިޔާރު އަދި މިހާރު ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އިންނެވި އަލީ ރަޝީދާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ނަޖީބު ވިދާޅުވީ އަލީ ރަޝީދަކީ އޭނާގެ އުސްތާޛެއް ކަމަށާ ވަރަށް އިހުތިރާމް ކުރައްވާ ކަމަށެވެ. ނަމަވެސް އަލީ ރަޝީދަކީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ނަފްރަތު ކުރައްވާ އެމަނިކުފާނާ އަދާވާތްތެރި ބޭފުޅެއް ކަމަށެވެ. އެކަން އަލީ ރަޝީދު އަމިއްލަފުޅަށް އޭނާގެ ގާތުގައި ވިދާޅުވެފައިވާ ކަމަށެވެ.

އެގޮތުން ދެ ބޭފުޅުންވެސް ހުޅުމާލޭގައި ދިރިއުޅުއްވާތީ ކްރިމިނަލް ކޯޓްގެ ކާރުކޮޅުގައި އެކުގައި މާލެ ވަޑައިގަންނަވާއިރު ދެކެވޭ ބައެއް ވާހަކަތައް ނަޖީބު ވަނީ ހިއްސާކުރައްވާފައެވެ.

"ވަރަށް ތެދުވެރިކަމާއެކު ދަންނަވާ ބަހެއް މި ދަންނަވަނީ. އަލީ ރަޝީދު، ބްރިޖަށް އަރަމުން މި ދަންނަވަނީ. ތިމަންނަ މި ބްރިޖަށް އެރުމުން ތުރުތުރު އަޅައޭ. އަދި އެހެރަ ދަރުމަވަންތަ ހޮސްޕިޓަލް، ފަންސަވީސް ބުރީގެ އިމާރާތް ފެނުނީމަ ތިމަންނަ ހަމަ ތުރުތުރު އަޅައޭ. އެއީ ވަރަށް ބޮޑު ކޮރަޕްޝަނެކޭ. އެހެންވީމައޭ އަޅުގަނޑު ރައީސް ޔާމީން ދެކެ ރުޅި އަންނަނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައީސް ޔާމީން ދެކެ ރުޅި އަންނަ މީހަކު ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރަން އިނުން ރީއްޗެއް ނޫނޭ،"

ނަޖީބު ވިދާޅުވީ ނަޒާހަތްތެރިކަން އިސްކުރުމަށާއި މާބޮޑަށް ރުޅިފައިވާ ހާލުގައި އަދި މާބޮޑަށް އުފާވެފައިވާ ހާލު ނުވަތަ މާބޮޑަށް ދެރެވަފައިވާ ވަގުތެއްގައި ނޫންނަމަ އެ މީހަކު ރުޅިއަންނަ މީހަކަށް ހުކުމް ކުރުމުން ދުރުވުމަށް އެންމެ ބޮޑަށް ނަސޭހަތް ދެއްވާ އެ ފިލާވަޅުތައް ނަންގަވައިދެއްވި ބޭފުޅަކީ އަލީ ރަޝީދު ކަމަށެވެ. ނަމަވެސް އަލީ ރަޝީދު އެކަމުން ދުރުވެވަޑައިނުގެންނެވި ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އެ ހުރިހާ ވާހަކަތައް ނުދައްކާ މަޑުކުރެެއްވީ މުނާސަބު ވަގުތެއްގައި އެ ވާހަކަތައް ދެއްކެވުމަށް ކަމަށެވެ. އިންސާފު ހޯދަން ރައްޔިތުން އެދޭނަމަ އެކަމަށް ރައްޔިތުން ތެދުވެ މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.